ދީނާ ޚިލާފު ވަރަށް ގިނަ ކަންތައްތަކެއް މީޑިޔާ މެދުވެރިކޮށް ސަރުކާރުން އެބަކުރައްވައި – ޝައިޚް ރަޝީދު

22 ޑިސެމްބަރ، 2007

މުޙައްމަދު ޝިފާޒު

ދައުލަތުގެ މީޑިޔާ މެދުވެރިކޮށް އިސްލާމް ދީނާ ދިވެހިރާއްޖޭގެ ގާނޫނާއި ޚިލާފު ވަރަށް ގިނަ ކަންތައްތަކެއް ސަރުކާރުން އެބަ ކުރައްވަމުން ގެންދަވާކަމަށް އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް ހުސެއިން ރަޝީދު ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ލަވަކިޔުމަކީ ދީނުގެ ތަރަހައިގެ ތެރޭގައި ހުއްދަކަމެއްކަމަށް ފަހަކަށް އައިސް މާއަޑުހަރުކޮށް ޓީވީ މޯލްޑިވްސް މެދުވެރިކޮށްގެން ބައެއް ދީނީ ޢިލްމުވެރިން ވިދާޅުވަމުން ގެންދަވާތީ އެކަމަށް އިޝާރާތް ކުރައްވަމުންނެވެ.

ޝައިޚް ހުސައިން ރަޝީދު ވިދާޅުވީ ދައުލަތުގެ މީޑިޔާ ނުހައްގު ގޮތުގައި ސަރުކާރުން ބޭނުން ކުރެއްވުމަކީ ދީނީ ޢިލްމުވެރިއެއްގެ ހައިސިއްޔަތުން ގަދަ އަޑުން އޭނާ ކުށްވެރި ކުރައްވާކަމެއް ކަމަށެވެ. ރާއްޖޭގައި މިހާރު މިއޮތް ސަރުކާރުން ބޭނުންހާ ގޮތަކަށް ބޭނުންހާ ވާހަކައެއް ދެއްކުމަށް ދައުލަތުގެ މީޑިޔާ ބޭނުން ކުރިކަމުގައި ވީނަމަވެސް، އެއީ ދުނިޔޭގެ އެއްވެސް ގައުމަކުން ޢަމަލު ކުރަމުންގެންދާ އުސޫލެއް ނޫންކަމަށް ޝައިޚް ހުސައިން ރަޝީދު ވިދާޅުވިއެވެ.

އިއްޔެ ޝާއިޢު ކުރެވުނު ދީނުގެ މަގުގެ ޢަދަދުގައި އުފާފާޅު ކުރުމާއި، ލަވަކިޔުމަކީ އިސްލާމް ދީނުގެ ތަރަހައިގެ ތެރޭގައި ހުއްދަކަމެއް ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ އެންމެ މަތީ މަޖިލީހުގެ ރައީސް މުޙައްމަދު ރަޝީދު އިބްރާހީމް ވިދާޅުވުމުން އިއްޔެ މެންދުރުފަހު ޓީވީ މޯލްޑިވްސްގެ 2 ގެ ޚަބަރުގައި އެކަން ފާހަގަ ކޮށްފައިވާތީ ހުސެން ރަޝީދުވަނީ އެކަމަށް ފާޑުވިދާޅުވެފައެވެ.

ދީނުގެ މަގުގައި މުޙައްމަދު ރަޝީދު އިބްރާހީމް ވިދާޅުވެފައިވަނީ ޢީދާއި ކައިވެނީގެ ހަފްލާތަކާއި ހިތާނުކޮށްގެން އުޅޭ ދުވަސްތަކާއި މިފަދަ ޢީދުގެ ދުވަސްތަކުގައި އުފާފާޅުކޮށް ލަވަކިޔައި ތާރަޖަހައި ބެރުޖަހައި މިޔުޒިކު ކުޅެ ހެދުމަކީ ދީނުގައި ކަނޑައަޅުއްވާފައިވާ މިންގަނޑުގެ ތެރޭގައި ހުއްދަކަމެއް ކަމަށެވެ.

“އެމިންގަނޑު ބަޔާންކޮށް ދެއްވައި ޢިލްމުވެރިން ވިދާޅުވެފައިވަނީ ދީނުގައި ކަނޑައަޅުއްވާފައިވާ ވާޖިބަކަށް ހުރަސްނޭޅޭ ގޮތަށް، އަދި ތިމާގެ ޚަރަދު ލާޒިމްވާ މީހުންނަށް ޚަރަދު ކުރުމަށް ފައިސާ ހޯދުމަށްޓަކައި ކުރާމަސައްކަތަކަށް ހުރަސްނޭޅޭ ގޮތަށް، އަދި އުފާފާޅުކުރާ ހަފްލާއެއްގައި މުންކަރާތެއް ނުހިމެނޭ ގޮތަށް އަދި އެކިޔާ ލަވައެއްގައިވެސް ފާހިޝް އިބާރާތެއް ނުހިމެނޭގޮތަށް، ހަފްލާތައް ބާއްވައި އުފާފާޅުކުރުމަކީ ހުއްދަކަމެއްކަމުގައެވެ.” ދީނުގެ މަގުގައި އިސްލާމީ ކަންތައްތަކާއި ބެހޭ އެންމެ މަތީ މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ އުއްތަމަ ފަނޑިޔާރު ވިދާޅުވެފައިވެއެވެ.

އަދާލަތު ޕާޓީގެ ރައީސް ވިދާޅުވެފައިވަނީ މިޔުޒިކާއި ނުލާ، ފާހިޝް ބަސްތަކާއި ލޯބީގެ ވާހަކަތައް ނުހިމެނޭ ލަވަތަކަކީ އެއްވެސް ޚިލާފެއް ނެތި ހުއްދަކަމެއް ކަމަށް ދީނީ ޢިލްމުވެރިން އެއްބަސްވެ ވަޑައިގަންނަވާ ކަމަށެވެ. އެހެންނަމަވެސް ތާރަފިޔަވާ، މިޒަމާނުގައި މިބޭނުންކުރާ މިޔުޒިކުކުޅޭ ސަމާނުތައް ބޭނުންކޮށްގެން ލަވަކިޔުމަކީ ޙަރާމްކަމެއް ކަމަށް ދީނީ ގިނަ ޢިލްމުވެރިން އެއްބަސްވެ ވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިމައްސަލައާ ގުޅިގެން ރާއްޖޭގެ ކުރީގެ އެންމެ މަޝްހޫރު ލަވަކިޔުންތެރިޔާ ޢަލީ ރަމީޒު ވިދާޅުވީ ޑިމޮކްރަސީއެއްގެ ރަހަ ރާއްޖެ ނުދެކޭ ދުވަސްވަރެއް ނެތޭ ބުނެ ދައުވާ ކުރަމުންދާއިރު، ހަމައެކަނި ލަވަ ކިޔުން ހުއްދަކަމަށް ހުއްޖަތު ދައްކަމުންދާ ފަރާތްތަކަށް ފުރުސަތުދީ، އޭގެ އިދިކޮޅަށް ސާބިތުކަމާއެކު ވަކާލާތު ކުރާ ފަރާތްތަކަށް އެފުރުސަތު ނުދިނުމަކީ ރާއްޖޭގައި އިސްލާމީ ޝަރީޢަތުގެ އިތުރަށް އެދައުވާ ކުރާ ޑިމޮކްރަސީއެއްވެސް ނެތްކަން ސާބިތުކޮށްދޭ ކަމެއް ކަމަށެވެ.

“ބުއްދީގެ އަހުލުވެރީންނަށް އެނގޭނެ ހުއްދައޭ މިހެން އަބަދު ކިޔަނީ މީގައި ކޮންމެވެސް މައްސަލަތަކެއް އުޅޭތީކަން. ހުއްދަ ކަމެއް ވެއްޖެއްޔާ އެނިމުނީ ނޫންތޯ. އެއާ ޚިލާފަށް ހުއްދައޭ ހުއްދައޭ މިހެން އަބަދު ކިޔުމުގެ ބޭނުމެއް އޮތް ހެނެއް އަޅުގަނޑަކަށް ނުފެނޭ. މިއީތޯ މިހާރު ގައުމަށް ދިމާވެފައި އޮތް އެންމެ ބޮޑު މުސީބާތަކީ؟ ބޮޑު ސިންގާ ޖީލެއް މިދިޔައީ ޑްރަގާއި، ޒިނޭއާއި ރަލުގައިޖެހި ހަލާކުވެގެން. އަދިވެސް މިޔުޒިކު ހުއްދަނުކުރެވިގެންތޯ އުޅެންވީ.” ސަރުކާރުގެ ސިޔާސަތުތަކަށް ފާޑު ވިދާޅުވަމުން ކުރީގެ މަޝްހޫރު ލަވަކިއުންތެރިޔާ ޢަލީ ރަމީޒު ވިދާޅުވިއެވެ.

ޝެއިޚް ހުސެއިން ރަޝީދު ވިދާޅުވީ މިމުޖުތަމަޢުގެ ތެރޭގައި ލާދީނީ މީހުންނާއި، ހައްދުފަހަނައަޅާފައިވާ މީހުން އުފެދުމުގެ މައިގަނޑު އަސްލަކީ ސަރުކާރުން ދީން ހިފެހެއްޓުމާއި، އެކަށީގެންވާ ގޮތުގައި ސަރުކާރުން ދީން ފެތުރުމަށް މަސައްކަތްތަކެއް ކުރައްވާފައި ނުވުން ކަމަށެވެ.

“މިކަމުގެ ޒިންމާ ރައީސުލްޖުމްހޫރިއްޔާ ނަންގަވަން ޖެހޭނެ. ސަބަބަކީ ގާނޫނު ބުނާ ގޮތުން ރައީސުލްޖުމްހޫރިއްޔާއަކީ ދީނީ ޝިއާރުފާޅު ކުރުމުގެ އެންމެ އިސްވެރިޔާ. އެމަނިކުފާނު ވަކިއެއްޗެއްގައި ހިއްޕަވަނީވެސް އަދި ވަކިއެއްޗެއް ފޮރުވަނީވެސް.” ޝައިޚް ހުސެއިން ރަޝީދު ވިދާޅުވިއެވެ.

މިނޫހަށް މީގެ ކުރިން ދެއްވާފައިވާ ބަސްދީގަތުމެއްގައި ޑރ.އަފްރާޝީމް ޢަލީ ވިދާޅުވެފައިވަނީ ލަވަކިޔުމަކީ ދީނުގައި އަންގަވާފައިވާ ގޮތުގެ މަތީން ހުއްދަކަމެއް ކަމަށެވެ.

”ކީރިތި ރަސޫލާ ހަދީޘް ކުރައްވާފައިވާ ގޮތުގައި ޙަރާމް ކަންތައްތަކާއި ޙަލާލުކަންތައްތައް )ވާޖިބު ކަންތައްތައް(މާތްﷲ ވަނީ ވަރަށް ރަނގަޅަށް ބަޔާންކޮށް ދެއްވާފައި، އަދި މިދެޙުކުމްގެ ތެރޭގައި ވަރަށް ގިނަ ކަންތައްތަކެއް ހުއްދަ ކަންތައްތަކުގެ ތެރޭގައި އެބަ ލައްވާފައިވޭ. ހުއްދަ ގޮތުގައި ލައްވާފައި މިވާ ކަންތައްތައް ހަރާމް ކަންތައްތަކަށް ހަދަން ނުވަތަ ވާޖިބަކަށް ހަދަން ނޫޅުމަށް ﷲވަނީ އަންގަވާފައި. އެކަންތައްތަކަކީ ވާޖިބު ކަންތައްތަކަށް ނުހައްދަވާ ﷲ ދޫކޮށްލައްވާފައި އެހެރީ ފަހަރެއްގައިވެސް އެކަލާނގެއަށް އޮޅިވަޑައިގެނެއް ނޫން. ނުވަތަ މާތް ﷲ ހަނދުމަފުޅު ނެތިގެނެއް ނޫން. އެކަލާނގެ އެގޮތަށް ދޫކޮށްލައްވާފައިއެވަނީ ހަމަ ގަސްތުގައި.” އަފްރާޝީމް ވިދާޅުވިއެވެ.

ހަމަމިއާއެކު އެފަދަ ކަންތައްތަކަކީ އިންސާނިއްޔަތަށް ދެއްވާފައިވާ ރަހުމަތެއް ކަމަށާއި، އޭގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް ރަސޫލާ އަންގަވާފައިވާ ކަމަށް އަފްރާޝީމް ވިދާޅުވިއެވެ. ވުމާއެކު ލަވަކިއުމަކީ ސީދާ ހަރާމް ނުވަތަ ޙަލާލު ކަމެއްކަން އަންގަވާފައި ނުވާއިރު އޭގެ ބޭނުން ދީނުގެ ހުދޫދުގެ ތެރޭގައި ﷲ ގެ ރިސާލަތު ފެތުރުމަށް ބޭނުން ކުރުމަކީ އެންމެ ރަނގަޅުކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. މިސާލަކަށް ޓީވީން ދައްކަމުން އަންނަ ހަކުރު ބަލީގެ މަޢުލޫމާތު ހިމެނޭ ލަވަ )ޝަކީބުގެ ލަވަ( އާއި، ތެލެސީމިޔާ ލަވަ ފަދަ، މުޖުތަމަޢު ހޭލުންތެރިކުރުވާފަދަ ލަވަތަކަކީ ހުއްދަ ލަވަތަކެއްކަމަށް އޭނާ ވިދާޅުވިއެވެ. ހަމަމިއާއެކު ކުފުރުގެ ބަސްތަކާއި، ފާހިޝް ބަސްތައް ނުހިމެނޭ ލޯބީގެ ލަވައާއި، ދީން ކުރިއެރުވުމަށް ކިޔާ ލަވަތަކަކީވެސް މިއާއި އެއްފަދަ ލަވަތަކެއް ކަމަށް ޑރ. އަފްރާޝީމް ވިދާޅުވިއެވެ. އެހެންނަމަވެސް، ޝިރުކާއި ކުފުރުގެ ބަސްތައް ބޭނުންކޮށްފައި ހުންނަ ލަވަތަކާއި ދީނަށް ފުރައްސަރާކޮށް ކިޔާފައި ހުންނަ ލަވަތަކަކީ ކަނޑައެޅިގެން ޙަރާމް އެއްޗެއްކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުން ތެރިންގެ ހިޔާލު

 އަކުރު އެބައިން