ވ. އަތޮޅުމެންބަރު ކެބިނެޓް މެންބަރަކަށް ހަޖެއްސެވުން އެއީ… : މާރިޔާ

26 އޯގަސްޓް، 2007

ފާތުމަތު ނާޒީން

 

ރައްޔިތުންގެ މަޖިލީހުގެ ވ. އަތޮޅުމެންބަރު އަބްދުﷲ ޝާހިދު ކެބިނެޓް މެންބަރެއްގެ ގޮތުގައި ރައީސް މައުމޫނު ހަމަޖެއްސެވުމުން އިދިކޮޅު އެމްޑީޕީން އެކަމަށް ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ.

މިކަމާ ގުޅިގެން ފާޑު ވިދާޅުވަމުން އެމްޑީޕީގެ އިސްތަރުޖަމާން މާރިޔާ އަހުމަދު ދީދީ ވިދާޅުވީ ވ. އަތޮޅުމެންބަރު އަބްދުﷲ ޝާހިދު ކެބިނެޓް މެންބަރަކަށް ހަޖެއްސެވުމަކީ ޑީއާރުޕީއަށް ތާއީދުކުރާ މީހުންގެ މޫނުމަތީގައި ތަފާވަރެއް ޖެހުން ކަހަލަ ކަމެއްކަމެއް ކަމަށެވެ.

މާރިޔާ ވިދާޅުވިގޮތުގައި ނިޒާމީ ވޯޓުގެ ނަތީޖާ އެމްޑީޕީން ގަބޫލް ނުކުރިކަމުގައިވިޔަސް ޑީއާރުޕީން ރިޔާސީ ނިޒާމް ޕްރޮމޯޓުކުރަން ވަކާލާތުކުރި މީހުން ވިދާޅުވަނީ މަޖިލީހުގައި ވަޒީރުންނެއް ނުތިއްބަވާނެކަމަށެވެ. ނަމަވެސް ނަތީޖާ އިޢުލާން ކުރިދުވަހުނޫން އަނެއްދުވަހު ޑީއާރުޕީގެ ޒަޢީމް ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ކެބިނެޓް މެންބަރަކަށް ހަމަޖެއްސެވުންއެއީ އިލެކްޝަންސް ކޮމިޝަނަރ އެވިދާޅުވާ 93،581 މީހުންގެ މޫނުމަތީގައި ޖެހުން ކަހަލަ ކަމެއްކަމުގައެވެ. އަދި މިކަމަކީ ޑީއާރުޕީގެ ޒަޢީމް ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާވެސް ޑީއާރުޕީން ދައްކާވާހަކަ ގަބޫލް ނުކުރައްވައި އެމްޑީޕީން ދައްކާ ވާހަކަ ގަބޫލް ކުރައްވާކަން ޢަމަލީ ގޮތުން ދައްކުވައިދޭ ވަރުގަދަ ހެއްކެއް ކަމުގައި މާރިޔާ ވިދާޅުވިއެވެ. މީގެއިތުރުން ސަރުކާރު ހިންގޭނީ މަޖިލީހުގެ އެއްބާރުލުން އޮވެގެންކަންވެސް ރައީސް މައުމޫން ގަބޫލްފުޅުކުރެއްވިކަން މިކަމުން ދޭހަވާ ކަމުގައިވެސް މާރިޔާ ވިދާޅުވިއެވެ.

“ޚުދު ރައީސް މައުމޫންވެސް ޑީއާރުޕީގެ ޒަޢީމަކަށް ހުންނަވައިގެން އެހެން ނިޒާމެއް ޕްރޮމޯޓުކުރެއްވި ކަމުގައިވިޔަސް، ގަބޫލްކުރައްވަން ކިތަންމެ ބޭނުންފުޅު ނޫން ކަމުގައިވިޔަސް ބަރުލަމާނީއަށް ތާއިދުކުރައްވާކަން މިކަމުން ދޭހަވެގެންދޭ. އަދި ޑީއާރުޕީއަށް ނިސްބަތްވާ މީހުން ގަބޫލް ނުކުރިކަމުގައިވިޔަސް ރައީސް މައުމޫން އެކަން ގަބޫލްކުރައްވައިފި، ރިޔާސީ ނިޒާމުގައި މަޖިލީހުގައި ވަޒީރުން ނުތިބޭނެ ކަމުގައިބުނެ ވަކާލާތު ކުރުމަށްފަހު މަޖިލިސް މެންބަރަކު ކެބިނެޓަށްމިލީ. މިއީ އެބޭފުޅުންގެ ބަހާ ޢަމަލާ ދިމާނުވާ ކަމުގެ ހެއްކެއް. އެމްޑީޕީ ދައްކާވާހަކަ ޢަމަލުން ގަބޫލް ކުރިކަމުގެ ހެއްކެއް ފެނިގެން މިދިޔައީ” އިސްތަރުޖަމާނު މާރިޔާ ވިދާޅުވިއެވެ.

މިމަހުގެ އަށާރަ ވަނަ ދުވަހު މުޅި ރާއްޖެގައި ނެގި ވެރިކަމުގެ ނިޒާމު ކަނޑައެޅުމުގެ ފެންނަ ނުފެންނަ ވޯޓުގެ ކެންޕޭން ކުރަމުން ދިޔައިރު ބައެއް ފަރާތްތަކުން، ރައީސް މައުމޫނު ތާއީދު ކުރައްވަނީ ބަރުލަމާނީ ނިޒާމަށް ކަމަށް ބުނެ ކެންޕޭނުގައި އޮޅުވާލަމުން ގެންދާކަމަށް ވިދާޅުވެ އެމަނިކުފާނު ވަނީ އެކަން ދޮގުކުރައްވައި ވާހަކަ ފުޅު ދައްކަވާފައެވެ. ނިޒާމީ ވޯޓު ނެގުމާއި ވަރަށް ގާތްވެފައި ވަނިކޮށް ޑީއާރްޕީން ބޭއްވި އާންމު ބައްދަލު ވުމެއްގައި ވާހަކަ ދައްކަވަމުން ޒަޢީމް މައުމޫނު ވިދާޅުވެފައި ވަނީ އެމަނިކުފާނު އަބަދުވެސް ތާއީދު ކުރައްވަނީ ރިޔާސީ ނިޒާމަކަށް ކަމަށާއި އަދި އާންމު ރައްޔިތެއްގެ ހައިސިއްޔަތުން ވެސް އެމަނިކުފާނު ގަބޫލުފުޅު ކުރައްވަނީ އެގޮތަށް ކަމަށެވެ.

ވ އަތޮޅު މެންބަރު އަބްދުﷲ ޝާހިދަށް ފޮރިންގ މިނިސްޓަރގެ މަގާމު ރައީސް މައުމޫން މިދިޔަ ބުރާސްފަތި ދުވަހު ދެއްވީ އެމަގާމު ފުރުއްވަމުން ގެންދެވި ޑރ އަހުމަދު ޝަހީދު ވަރަށް ކުއްލި ގޮތަކަށް އެމަގާމުން އިސްތިޢުފާ ދެއްވުމާއި ގުޅިގެންނެވެ.

ކިޔުން ތެރިންގެ ހިޔާލު

 އަކުރު އެބައިން