ކޯލިޝަނަކާއި ނުލާ އެމްޑީޕީއަށް ވެރިކަމަށް އަންނާކަށް ލާހިކެއް ނޫން- އުމަރު

28 ޖޫން، 2012

ޝަހީދާ ސައީދު

ކޯލިޝަނަކާއި ނުލާ 2013 ގެ ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ކާމިޔާބު ނުކުރެވޭނެ ކަމަށާއި،  އެމްޑީޕީއާއި ކޯލިޝަން ހަދާނީ ” މޮޔައެއް” ޕީޕީއެމްގެ އިންތިގާލީ ނައިބު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

2013 ގެ އިންތިޚާބު ކާމިޔާބުކޮށްގެން އެމްޑީޕީން ވެރިކަމަށް އަންނަން މަސައްކަތް ކުރިޔަސް، ކޯލިޝަނަކާއި ނުލާ އެމްޑީޕީއަށް ވެރިކަމަށް ނާދެވޭނެ ކަމަށާއި، އެމްޑީޕީއާއެކު ކޯލިޝަނެއް ހަދާނީވެސް މޮޔައެއް ކަމަށެވެ.

އުމަރު ވިދާޅުވީ 2008 ގެ ރިޔާސީ އިންތިޚާބުވެސް ރައީސް ނަޝީދަށް ކާމިޔާބު ކުރެއްވުނީ އެމަނިކުފާނު އަމިއްލަފުޅަށް ކުރެއްވި މަސައްކަތް ނާކާމިޔާބުވެ ވަޑައިގަތުމުން، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްއާއި، ގައުމީ ޕާޓީގެ ލީޑަރު ޑރ. ހަސަން ސައީދުގެ އަރިހުގައި އާދޭސް ދަންނަވައިގެން، އެ ދެބޭފުޅުން ކުރެއްވި ބުރަ މަސައްކަތުން ކަމަށެވެ.

ނަމަވެސް އެދުވަސް ހަނދުމަފުޅު ނެތި، އަނެއްކާވެސް ކޯލިޝަނަކީ މިރާއްޖެއަށް ބޭނުންވާ އެއްޗެއް ނޫންކަމަށާއި، ކޯލިޝަން ނެހެދި ނަމަވެސް 2008 ވަނަ އަހަރުގެ ރިޔސީ އިންތިޚާބު ކާމިޔާބު ކުރެއްވުނީސް ކަމަށް ވިދާޅުވެ ދައްކަވާ ވާހަކަފުޅުތަކުގެ އެއްވެސް އޮއްޓަރެއް ނެތް ކަމަށް އުމަރު ވިދާޅުވިއެވެ.

އަދި ނަޝީދަށް ވެރިކަން ލިބިވަޑައިގަތީ އިއްތިހާދަކުންކަން އެމަނިކުފާނު ހަނދުމަފުޅު ނެތަސް، އެމަނިކުފާނު ވެރިކަމަށް ވަޑައިގަތީ އިއްތިހާދަކުން ކަން ދިވެހި ރައްޔިތުން އަދި ހަނދާން ނުނެތޭ ކަމަށް ވެސް އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ އެމްޑީޕީން ވެރިކަން ބޭނުންނަމަ، މެންބަރުން ނުގަބޫލަސް، އަދި ނަޝީދު ބޭނުންފުޅު ނުވިޔަސް ކޮންމެވެސް ސިޔަސީ ޕާޓީއަކާއި ކޯލިޝަން ހަދަން ޖެހޭ ކަމަށާއި، އެމްޑީޕީތެރެއަށް އިތުރު ކުލައެއް ނުވައްދާ ދެން ދުވަހަކުވެސް އެމްޑީޕީއަށް ވެރިކަން ނުލިބޭނެ ކަމަށެވެ.

ރައީސް ނަޝީދު އެމެރިކާއަށް މިހާރު ކުރައްވާ ދަތުރުފުޅު ފެއްޓެވުމުގެ ކުރިން އުސްފަސްގަނޑުގައި ބޭއްވި ޖަލްސާގައި ނަޝީދު ވިދާޅުވެފައިވަނީ އެމްޑީޕީތެރެއަށް އިތުރު ކުލައެއް ވައްދަން އެޕާޓީގެ މެންބަރުން ބޭނުން ނުވާކަމަށެވެ. އަދި ވެރިކަން ކުރަން ކޯލިޝަނަކީ ބޭނުންއެއްޗެއް ނޫންކަމަށާއި، ކޯލިޝަނުގެ ތެރެއިން ވެރިކަން ކުރުމަކީ ރަގަޅު ކަމެއް ނޫންކަމަށް ވެސް ނަޝީދު ވިދާޅުވެފއި ވެއެެވެ.

އަދި އެމްޑީޕީން ސިޔާސީ ޕާޓީއަކާއި އެކު ކޯލިޝަން ނެހެދި ނަމަވެސް 2008 ގެ ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ކާމިޔާބު ކުރެވުނީސް ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.

އުމަރު ވިދާޅުވީ އެމްޑީޕީގެ ފިކުރު ހުރި ސިޔާސީ ޕާޓީއެއް މިހާރު ރާއްޖޭގައި ނެތް ކަމަށާއި، ނަޝީދުގެ ފިކުރު ރާއްޖޭގެ ރައްޔިތުން ބަލައި ނުގަންނަ ކަމަށެވެ. އެހެންކަމުން އެމްޑީޕީން އަލުން ރާއްޖޭގެ ވެރިކަމަށް އަންނާނެ ކަމަށް ގަބޫލުކުރުމަކީ މޮޔަ ކަމެއް ކަމަށްވެސް އުމަރު ވިދާޅުވިއެވެ.

” އެމްޑީޕީން ދެން ރާއްޖޭގައި ވެރިކަމެއް ނުކުރެވޭނެ. ނަޝީދުގެ ފިކުރު ބަލައިގަންނަ ބަޔަކު މިހާރު ނެތް. އިއްތިހާދަކާއި ނުލާ ވެރިކަމަށް ނާދެވިގެން 2008 ގައިވެސް ކޯލިޝަނެއް ހެދީ، އެކޯލިޝަނެއް ދެން ނެހެދޭނެ. ދެން ކޯލިޝަން ހަދާނީވެސް މޮޔައެއް. ކޯލިޝަން ހަދައިގެން ވެރިކަމަށް ގެނައިމަ، ވެރިކަމަށް ގެނެސްދިން މީހުންގެ ކަރުގަ ފުރަތަމަވެސް ހިފީ. އެހެންވީމާ އަލުން ދެން ކޯލިޝަން ހަދާނީ ހަމަ ބޮޑު މޮޔައެއް.” އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ރައްޔިތުންނަށް އެންމެ ފައިދާ ބޮޑީ، އިއްތިހާދުގައި ހިމެނޭ އެއް ޕާޓީއެއްގެ މެނިފެސްޓޯއަށް އެއް ކެންޑިޑޭޓަކު ނެރުން ކަމަށެވެ.  އެގޮތުން އެމްޑީޕީ ފިޔަވައި އެހެން ހުރިހާ ޕާޓީތައް ގުޅިގެން މިހާރު މިއޮތް އިއްތިހާދުން ރާއްޖޭގައި ވެރިކަން ކުރާނެ ކަމަށެވެ.

އެމްޑީޕީ އާއި ޕީޕީއެމަށް ވެސް ފުރަތަމަ ބުރުން ކާމިޔާބު ކުރެވޭވެރުގެ ސާފު މެޖޯރިޓީއެއް ނުނެގޭނެ ކަމަށާއި އިންތިހާބުގެ އެންމެ ފަހު ވަގުތު ގޮތެއް ނިންމާނީ ކުދި ޕާޓީތަކުން ކަމަށްވެސް އުމަރު ވިދާޅުވިއެވެ.

ީ އަދި އަންނަ ރިޔާސީ އިންތިހާބުގައި ރައްޔިތުން ސާފުކޮށް ވޯޓްދޭނީ ދޭނީ ދެފިކުރަކަށް ކަމަށާއި، އެއީ ކުރީގެ ރައީސް މައުމޫންގެ ފިކުރާއި، ކުރީގެ ރައީސް ނަޝީދުގެ ފިކުރަށް ކަމަށެވެ. ނަމަވެސް މައުމޫންގެ ފިކުރު ދޫކޮށް އަޖުމަ ބަލައިލަން ނަޝީދުގެ ފިކުރު ބައެއް ފަރާތްތަކުން ގަބޫލު ކުރުމުން ނުބައި ނަތީޖާއެއް ނުކުތް ކަމަށްވެސް އުމަރު ވިދާޅުވިއެވެ.

ކިޔުން ތެރިންގެ ހިޔާލު

  1. އުމަރަށް ވަރަށް އެނގޭނެ، އެންމެ ތާއީދު ބޮޑު، އެންމެގިނަ ވޯޓް އެކަކަށް ހޯދާމީހަކީ އުމަރު، ރައީސުކަމާވެސް އެންމެ ގުޅެނީ ހަމަ އުމަރު.

    ބުއްދި އަހައްމާ | ޖޫން 29، 2012
  2. ަު އުމަރަށް ތިޔަކިޔޭއެއްޗެއް އެބައެނގޭތަ؟ ފުރަތަމަބުނީ ނަޝީދުގެ ފިކުރުބަލައިގަންނަމީހަކު މިހާރަކު ނެތޭ އަނެއްކާފަހުން ތިޔަބުނީ ރައްޔިތުންވޯޓްދޭނީ ދެފިކުރަކަށެވެ އެއީ މައުމޫނުގެ ފިކުރާ އައްނީގެ ފިކުރަށެވެ.

    ކަޅުކަޅިހި | ޖޫން 29، 2012

 އަކުރު އެބައިން