ރިޔާސީ އިންތިޚާބު އަންނައިރު ނަޝީދު މިނިވަނެއްގެ ގޮތުގައި ހުންނަވާނެކަމަށް ޤަބޫލެއް ނުކުރަން: ޑރ. ޙަސަން ސަޢީދު

28 ޖޫން، 2012

އަބްދުއްލަތީފް

އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބު އަންނަ އިރު ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިނިވަނެއްގެ ގޮތުގައި ހުންނަވާނެކަމަށް ޤަބޫލު ނުކުރައްވަވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އެޑްވައިޒަރ އަދި ޤައުމީ ޕާޓީގެ ރައީސް ޑރ. ޙަސަން ސަޢީދު ވިދާޅުވެއްޖެއެވެ.

ޑރ. ޙަސަން ސަޢީދު ވިދާޅުވީ ރާއްޖޭގެ ކޮންމެ ރައްޔިތަކީވެސް، ޝަރުޠުހަމާވަނަމަ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުޞަތު އޮތް މީހަކު ކަމަށާއި ނަމަވެސް އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބު ބާއްވާއިރު ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިނިވަނެއްގެ ގޮތުގައި ހުންނެވުމަކީ ވަރަށް ނާދިރު ކަމެއް ކަމަށެވެ.

“ޤާނޫނާއި ޚިލާފަށް ކަންކަން ކުރުމަށްފަހު ކުރު މުއްދަތަކަށް މިނިވަނެއްގެ ގޮތުގައި ހުރެވިދާނެ. ނަމަވެސް އެހުރުމަށް ނިމުމެއް އަންނާނެ. އަދުލު އިންސާފު ޤާއިމުކުރެވޭނެ.”

ޑރ. ޙަސަން ސަޢީދު ވިދާޅުވީ އެއްވެސް މީހަކީ ޤާނޫނުގެ ދިގު އަތުން ސަލާމަތްވެ އެމީހަކު ކުރަން ބޭނުންހައި ކަމެއް ކުރަން އަބަދު މިނިވަންކަން މަތީގައި ދެމިހުރެވޭނެ މީހަކު ކަމަށް ޤަބޫލުކޮށްގެން ނުވާނެ ކަމަށެވެ. އެހެންކަމުން މިހައިތަނަށް ނަޝީދު ކުރައްވަވާފައިވާ ކަންކަމަށް ޝަރުޢީ ޙުކުމެއް ނައިސް އޮތުމަކީ އެކަށީގެންވާ ކަމެއް ނޫން ކަމަށެވެ.

“ފުރަތަމަކަމަކީ ނަޝީދު އިސްވެހުންނަވައިގެން މިހައިތަނަށް ހިންގަވާ ޖަރީމާތަކަށް ޝަރުއީ ހުކުމެއް ނައިސް އެހައިތަނަށް އޮވެދާނެ ކަމަށް އަޅުގަނޑު ޤަބޫލެއް ނުކުރަން. އެކުށްތަކުގެ ބޮޑުމިނަށް ބަލާއިރު ނަޝީދަށް މިނިވަނެއްގެ ގޮތުގައި ހުންނެވުމަކީ ނާދިރުކަމެއް.”

ޑރ. ޙަސަން ސަޢީދު ވިދާޅުވީ ނަޝީދުގެ މައްޗަށް ކުރިންވެސް ވަނީ ވައްކަމުގެ ކުށުގެ ހުކުމެއް ކުރެވިފައި ކަމަށާއި އެ ޙުކުމް މިހާރުގެ ސްޕްރީމް ކޯޓުން މާނަކުރައްވާނީވެސް ނަޝީދަށް އިންތިޚާބުގައި ވާދަކުރެއްވޭނެ ގޮތަށް ކަމަށް ޤަބޫލު ނުކުރައްވާ ކަމަށެވެ.

ޑރ. ޙަސަން ސަޢީދު ވިދާޅުވީ ޤަނޫނާއި ޚިލާފަށް އެކިއެކި ޖަރީމާތައް ހިންގާފައިވާ މީސްމީހުންގެ ޝަރީއަތްތައް މިހާރުވެސް ފެށިފައިވާ ކަމަށާއި އެއިގެ ތެރެއިން ނަޝީދަށްވެސް ބަރީއަވެވަޑައިގަތުމަކީ ކުރެއްވޭނެ ކަމެއް ކަމަށް ޤަބޫލު ނުކުރައްވާ ކަމަށެވެ.

އަންނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވޭނެކަމަށް ނަޝީދު ދެކެވަޑައިގަންނަވާ ދެކެވަޑައިގަތުމަކީ ހުވަފެނެއް ކަމަށްވެސް ޑރ. ޙަސަން ސައީދު ވިދާޅުވިއެވެ.

“ބައްލަވަ ފުރަތަމަ އިންތިޚާބަކީ ނިޒާމީ ވޯޓު. އެއިންތިޚާބުން ވީ ފެއިލް. ދެން އައީ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު. އެއިންވެސް ވީ ފެއިލް. ވެރިކަމަށް އާދެވުނީ އެހެން އެތައް ބައެއްގެ އެހީގަ. ދެން އައީ މަޖިލިސް އިންތިޚާބާއި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު. އެދެ އިންތިޚާބުންވެސް އެމްޑީޕީ ވަނީ ފެއިލްވެފައި” ކަމަށްވެސް ޑރ. ޙަސަން ސަޢީދު ވަނީ ވިދާޅުވެފައެވެ.

ކިޔުން ތެރިންގެ ހިޔާލު

  1. ހަސަންސައީދު އެބުނަނީ ތެދެއްކަމަށް ވެދާނެ. އެއީ 2008 ގަ ހަސަން ސައީދަށް ލިބުނުވެރިކަމެއް ހަސަން ސައީދު ދީލަތިކަމުން ނަޝީދަށް ދިނީ. މަޖިލިހުގެ އިންތިޚާބާއި ކައުންސިލްތަކުގެ އިންތިޚާބުވެސް ކާމިޔާބުކުރީ 3000 މީހުން ހަމަނުވާ ގައުމީޕާޓީން. އެކަމު އެމްޑީޕީން އެމެމްބަރުންތައް އަތުލައިގަތީ. ދެމޮޔައިންގެ ޖަމާޢަތުން ދެންމަސައްކަތްކުރީ އައްޑޫގަ ސިޓީއެއް ހެދުނަނުދޭން. އެކަންވެސް ކުރެވުނީ ހަސަންސައީދުއެކަމަށްވާގިދިނީމަ.

    ސަލީމު | ޖޫން 28، 2012
  2. ކުރީގެރަައީސް މުހައްމަދު އަންނީގެ ނަން ލިޔެޗާޕުކޮއްފައިވާ ކަރުދާސްކޮޅެއް 2013 ވަނައަހަރުގެ ރިޔާސީ އިންތިޙާބުގައި ނޮއޮންނާނެކަން ދިވެހިރާއްޖޭގެ އެންމެހާލޮބުވެތި ރައިޔަތުންނަށް ޔަގީންކޮށްއަރުވަމެވެ

    މޫސާތަކުރުފާން | ޖޫން 28، 2012
  3. ތިވާހަކަ ތިގޮތަށްދައްކާއިރު 7ފެބްރުއަރީގައި ހަސަންސައީދުމެން އިސްކޮށްތިބެގެން ހިންގި ކަންތަށްތަށް ރަގަޅަށް ތަހުގީގުކޮށްފިނަމަ ހަސަންސައީދުމެންވެސް ސަލާމަތް ވާނެކަމެއް އަހަންނަކަށް ނެއެގޭ. އިންތިހާބުތަކުން ފޭލްވާވާހަކަ ދެއްކުމަކީ ހަސަނަށް ވަރަށް ލަދުވެތިކަމެއް. މިހާތަނަށް ބޭއްވުނު ކޮންއިންތިހާބަކުންތޯ ހަސަނުމެން ފެއިލްނުވަނީ. މިހާރުވެސް ތިވާގޮތަކީ ނަޝީދާއިވާދަކުރަން ޖެހިލުންވަނީ. މިހާރަކު ތިމީހުން ރައްޔިތުން ބަލައެއްނުގަންނާނެ. 2008ގައި ތިމީހުންދެއްކިވާހަކަޔާއި މިހާރު ތިދައްކާވާހަކަވެސް ތިދައްކަނީ ރައްޔިތުން ކުރިމަތީގައި. ދެފަހަރަކު އެއްގޮތަކަށް ވާހަކަދައްކާކަށް ނެއެގޭ ބައެއްތީ. ތިއަށްވުރެ ރަގަޅުވާނެ ޗާޕްކޮފައޮތް ގާނޫނީފޮތެއްވެސް. އެވެސް އެލިޔެފައިހުރިއެއްޗެއް އެއްގޮތަކަށް އޮންނާނެ. ކުރީގައިވެސް މިޑްޓާމް އިންތިޚާބެއްގެވާހަކއެއްގާނޫނަކުނެތް. ނަމަވެސް ބާރުލަފައި އެވާހަކަވެސް ދެއްކީ. މިހާރު ތިދައްކަނީ އެއިންތިޚާބު ނަޝީދު ނުބޭއްވި ވާހަކަ. އެހެންވީމާ ތިދައްކަވާހަކައެއް ދިމަލެއްނުވޭ.

    ރައޫފް/އައްޑު | ޖޫން 28، 2012
  4. ހަސަަނުމެން 7ފެބްރުވަރީ ގައި އެކުރި ކަންތައް މިނާނީ ކޮން ގާނޫނެއްގެ ދަށުންތޯ ނިކަން ރައްޔިތުންނަށް ހާމަކޮށްލަދީފާނުތަ؟

    މަށަށް މިހާރު ހީވަނި ހަަސަނު ތިއުޅެނީ ގުއިރޯނުގަ ރަގަޅަށް ގެހިގެންހެން

    ވަޠަންގެލޭ | ޖޫން 30، 2012

 އަކުރު އެބައިން