އަޅުގަނޑު ކުރިމަތި ލައިފިނަމަ ޔަގީނުންވެސް 2013 ގައި ތަސްމީނަށް ވުރެ ގިނަ ވޯޓް ހޯދާނަން- ރިޔާޒު

25 ޖޫން، 2012

ޝަހީދާ ސައީދު

2013 ގައި އޮންނަ ރިޔާސީ އިންތިޚާބަށް ކުރިމަތި ލައްވައިފި ނަމަ، ޑީއާރުޕީގެ ލީޑަރ އަހުމަދު ތަސްމީނަށް ވުރެ ގިނަ ވޯޓް ހޯދާނެ ކަމަށް  ގައުމީ ޕާޓީގެ ނައިބު ރައީސް ވިލުފުށީ ދާއިރާގެ މެންބަރ ރިޔާޒު ރަޝީދު ވިދާޅުވެއްޖެ އެވެ.

ޑީއާރުޕީގެ ލީޑަރ އަހުމަދު ތަސްމީނަށް ފާޑު ވިދާޅުވެ ރޭ ވީޓީވީގައި ވާހަކަ ދައްކަވަމުން ގައުމީ ޕާޓީގެ ނައިބު ރައީސް އަދި ވިލުފުށީ ދާއިރާގެ މެންބަރ ރިޔާޒު ރަޝީދު ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ތަސްމީނަށް މާބޮޑު ކާމިޔާބީއެއް ލިބިވަޑައިނުގަންނަވާނެ ކަމަށާއި، ރިޔާސީ އިންތިޚާބުގައި ވާދަކުރައްވައިފި ނަމަ، ތަސްމީނަށް ވުރެ ގިނަ ވޯޓް އޭނާއަށް ވެސް ލިބޭނެ  ކަމަށެވެ.

ނަމަވެސް ރިޔާޒު ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ވާދަ އޭނާ ކުރިމަތި ނުލައްވާނެ ކަމަށެވެ. އަދި ޑީއާރުޕީގެ މެންބަރުން ތަސްމީނަށް ތާއީދު ނުކުރާ ކަމަށާއި، ތަސްމީންގެ ސިޔާސަތު ބަލައި ނުގަންނަ ކަމަށްވެސް ރިޔާޒު ވިދާޅުވިއެވެ.

ރިޔާޒު މަޖިލީހުގައި ޑީއާރުޕީއާއި ގުޅޭގޮތުން ދެއްކެވި ވާހަކަތަކަށް ތަސްމީން ވަނީ ރައްދު ދެއްވާ ނައިފަރުގައި އެޕާޓީން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވާފައެވެ. އެގޮތުން ރިޔާޒު ވިދާޅުވެފައިވަނީ ސިޔާސީ ގޮތުން ތަސްމީނަށް އޭނާއާއި ގުޅޭގޮތުން ފާޑު ކިޔުމުގެ ހައްގު ލިބިގެންވާ ކަމަށާއި، އަދި އޭނާއަށްވެސް ތަސްމީނަށް ފާޑު ކިޔުމުގެ ހައްގު ލިބިގެންވާ ކަމަށެވެ.  ރިޔާޒު ވިދާޅުވީ އޭނާއަކީ އެއްވެސް މީހެއްގެ ދަށުވެފައި ހުރި މީހެއް ނޫންކަމަށާއި، އެގޮތުން އޭނާއަކީ ތަސްމީނާއި، މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުގެ އިތުރުން ރައީސް ޑރ. ވަހީދުގެ ދަށުވެފައި ވެސް ހުރި މީހެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

ޑީއާރުޕީއަކީ މިހާރު ބައިބައިވެފައިވާ ޕާޓީއެއް ކަމަށް ވިދާޅުވެ، ރިޔާޒު އިތުރަށް ވިދާޅުވީ ނަޝީދުގެ ސަރުކާރު ބަދަލުކުރަން އޭރުގެ އިދިކޮޅުގައި ތިބި އެއްބަޔަކު ގަދަ އަޅާ މަސައްކަތް ކުރަމުންދިޔައިރު، އަނެއް ބަޔަކު ދިޔައީ ކަޅު ކާރުގައި މުލިއާގޭ ވަލު ދޮރާށިން ދަންވަރު ވަންނަމުން ކަމަށެވެ. އަދި ގައުމީ މަސްލަހަތު ހިމާޔަތް ކުރަން ކަމަށް ބުނެ ޑީއާރުޕީގެ މަޖިލިސް ބައެއް މެންބަރުން ދަންވަރު މުލިއާގޭ ވަލުދޮރާށިން ވަދެވަޑައިގަތުމަށްފަހު، ޖެހިގެން އަންނަ ދުވަހު އެމްޑީޕީއަށް ސޮއިކުރެއްވި މަންޒަރުވެސް ފެނިގެން ދިޔަ ކަމަށް ރިޔާޒު ވިދާޅުވިއެވެ.

ރިޔާޒު ވިދާޅުވީ ގައުމީ ޕާޓީން މިސަރުކާރު ދިފާއު ކުރަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށާއި، ގައުމީ ޕާޓީގެ އިސްވެރިން ތިއްބެވީ މިސަރުކާރުގެ އިސް މަގާމުތަކުގައި ކަމަށެވެ. އަދި މިސަރުކާރު ގެނައީ ޕީޕީއެމްއާއި ގައުމީ ޕާޓީއާއި އަދާލަތު ޕާޓީއއި، އަދި މަދަނީ އިއްތިހާދުން 22 ރޭ ވަންދެން ކުރި ވަރަށް ބުރަ މަސައްކަތުން ކަމަށާއި، އަދި ރައްޔިތުންގެ މަޖިލީހުގެ ވެސް ވަރަށް ބުރަ މަސައްކަތުން ކަމަށް ރިޔާޒު ވިދާޅުވިއެވެ.

އެގޮތުން މިހުރިހާ ސަބަބުތަކަށްޓަކާ ގައުމީ ޕާޓީއާއެކު ޑީއާރުޕީން ހަދާފައިވާ ކޯލިޝަން ރޫޅާލުމަށްފަހު ގައުމީ ޕާޓީން މިނިވަން ވާން އެބަޖެހޭ ކަމަށް ރިޔާޒު ވިދާޅުވިއެވެ.

ނައިފަރުގައި ބޭއްވި ޖަލްސާގައި އަހުމަދު ތަސްމީން ވިދާޅުވީ  އަބްދުﷲ ޝާހިދުގެ އިތުބާރު ނެތްކަމަށް އެމްޑީޕީން ހުށަހެޅި މައްސަލައިގައި ރިޔާޒު ވޯޓުދެއްވީ އެމްޑީޕީއަށް ކަމަށާއި، އެހެންކަމުން ޑީއާރުޕީން އެމްޑީޕީއަށް ބައިޢަތު ހިފާފައިވާ ކަމަށް ވިދާޅުވެ   ރިޔާޒު ދައްކަމުން ގެންދަވާ ވާހަކަތަކަކީ ވަރަށް ޒިންމާދާރު ކަމެއް ނެތި ދައްކަވަމުން ގެންދަވާ ވާހަކަ ތަކެއް ކަމަށެވެ.

މީގެއިތުރުން ތަސްމީން ވިދާޅުވީ   ފުލުހުންނާއި ސިފައިންގެ ތެރެއިން ބައެއް މީހުން ރައްޔިތުންނަށް އަނިޔާކޮށް، ފޭރެމުންދާ ކަމަށް ބުނެ އެމްޑީޕީން ހުށަހެޅި ކުއްލި މައްސަލައިގައި ޑީއާރްޕީގެ ބައެއް މެންބަރުން ވޯޓުދެއްވި ގޮތުން ޑީއާރްޕީއާ އެމްޑީޕީއާ ގުޅުން އޮންނަ ކަމަށް ރިޔާޒު ކުރައްވާފައިވާ ތުހުމަތު ތަކަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ.

ކިޔުން ތެރިންގެ ހިޔާލު

 އަކުރު އެބައިން