ޗެއާޕާސަން ކަމުގެ މަގާމަކީ ހަމަ ހުރެފަ ލިބުން މަގާމެއް ނޫން- ރީކޯ

20 ޖޫން، 2012

ޝަހީދާ ސައީދު

އެމްޑީޕީގެ ޗެއަރޕާސަން ކަމުގެ މަގާމަކީ ހަމަ ހުރެފަ ލިބުން މަގާމެއް ނޫންކަމަށް  ޗެއާޕާސަން ކަމުގެ މަގާމަށް މިދިޔަ ހޮނިހިރު ދުވަހު  އިންތިޚާބު ވެވަޑައިގެންނެވި ހުޅުހެންވޭރު ދާއިރާގެ މެންބަރ ރީކޯ މޫސާ  މަނިކު ވިދާޅުވެއްޖެ އެވެ.

އެމްޑީޕާގެ ޗެއާޕާސަން ކަމުގެމަގާމަށް އިންތިޚާބުވެވަޑައިގަތުމާއި ގުޅިގެން ރީކޯ މޫސާ މަނިކު އެމްޑީޕީގެ ވެބްސައިޓަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ އެޕާޓީގެ ޗެއާޕާސަން ކަމުގެ މަގާމަކީ ހަމަ ހުރެފައި ލިބުނު މަގާމެއް ނޫންކަމަށާއި، އެމަގާމު އޭނާއަށް ލިބުނީ ވަރަށް ގިނަ ހަރުފަތްތަކެއް ގިރާ ކުރެއްވުމަށް ފަހު ކަމަށެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އެޕާޓީގެ އެތެރޭގެ އިންތިޚާބުތަކުގައި 29،000 އަށް ވުރެ ގިނަ މެންބަރުންގެ ވޯޓާއެކު ޗެއާޕާސަންގެ މަގާމަށް އިންތިޚާބުވެވަޑައިގެން ނެވި މޫސާ މަނިކު ވިދާޅުވީ އެމްޑީޕީގެ މެންބަރުން އޭނާއަށް އެހާ ބޮޑު އިތުބާރެއް ކުރެއްވީ ޕާޓީގެ މަސްލަހަތު އިސްކުރައްވައި، އެމްޑީޕީ ކުރިއެރުވުމަށް އާންމު މެންބަރުންގެ ފިކުރާ އެއްގޮތަށް މަސައްކަތްތަކެއް ކުރެވިގެން ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ގާތްގަނޑަކަށް 900  ވޯޓްލިބިވަޑައިގެން 2008 ވަނަ އަހަރު ރިޔާސީ ޕްރައިމަރީގައި ނާކާމިޔާބީ އާއި ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި މޫސައަށް މިފަހަރުގެ އިންތިޚާބުގައި ވަނީ 29،000 އަށް ވުރެ ގިނަ ވޯޓް ލިބިވަޑައިގެންފައެވެ.

”އެމްޑީޕީގެ މެންބަރުން އަޅުގަނޑަށް ތިކުރެއްވި އިތުބާރަށް ޓަކައި، ޚާއްސަކޮށް އަޅުގަނޑަށް އިތުބާރުކޮށް، ތި ދެއްވި ވޯޓަށް ޓަކައި ހުރިހާ މެންބަރުންނަށް ވަރަށް ބޮޑަށް ޝުކުރުދަންނަވަން. ކުރިޔަށް އޮތްތަނުގައި ވެސް މަސައްކަތް ކުރާނީ ޕާޓީގެ އިސް ލީޑަރުގެ މަޝްވަރާ އާއި ލަފާފުޅުގެ މަތިން އެމްޑީޕީގެ އާންމު މެންބަރުންގެ ފިކުރާ އެއް ގޮތަށް.” މޫސަ ވިދާޅުވިއެވެ.

ރީކޯ މޫސަ އަކީ އެމްޑީޕީ ވުޖޫދަށް ގެނައުމަށް އެންމެ ފުރަތަމަ ސޮއިކުރެއްވި 40 މީހުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.        މޫސަ ވަނީ އެމްޑީޕީގެ ފުރަތަމަ ކޮންގްރެސް ގައި އެ ޕާޓީގެ ނައިބު ރައީސް ކަމުގެ މަގާމަށް ވާދަކުރައްވާ ނާކާމިޔާބީއާއި ކުރިމަތިލައްވަން ޖެހިވަޑައިގެންފައެވެ.

އޭގެ ފަހުން ޕާޓީގެ ރައީސް ކަމުގެ މަގާމަށް ކުރިމަތިލައްވާފައި ވަނިކޮށް،  އެ ކޮންގްރެސް އިން ރައީސަކު ނުނަގާ ގޮތަށް ނިންމުމާއި ގުޅިގެން  މޫސަ ވަނީ ނަން އަނބުރައި ގެންދަވާފައެވެ.

މޫސަ މިހާތަނަށް އެމްޑީޕީގައި އަދާކުރައްވާފައިވާ މަގާމްތަކަށް ބަލާއިރު، އެމްޑީޕީ ރަސްމީގޮތުން ވުޖޫދަށް އައި އަހަރު އެމްޑީޕީގެ ފުރަތަމަ ވަލީ ކޮމިޓީގެ މެންބަރު ކަމާއި، އެޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު ކަމާއި، އެ ގްރޫޕްގެ ވިޕްގެ މަގާމާއި،  އަދި ޗީފް ވިޕްގެ މަގާމް ފުރުއްވި އެވެ. އަދި 2009 ވަނަ އަހަރާއި 2010 ވަނަ   އަހަރު އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ރައީސްކަން ވެސް މޫސަ ވަނީ ކުރައްވާފައެވެ. އަދި އެޕާޓީގެ ވަގުތީ ޗެއާޕާސަން ކަންވެސް އޭނާ ކުރައްވާފައި ވެއެވެ.

ކިޔުން ތެރިންގެ ހިޔާލު

 އަކުރު އެބައިން