ފަނޑިޔާރުންގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ ބަހުސް ނިންމަވާލައްވައިފި

20 ޖޫން، 2012

އިއްޔެ ކުރިއަށް ގެންދެވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 8 ވަނަ ޖަލްސާގައި އުނގޫފާރު ދާއިރާގެ މެންބަރު އަފްރާޝީމް ޢަލީ ހުށަހަޅުއްވާފައިވާ،  ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނަަށް އިޞްލާޙު ގެނައުމުގެ ބިލުގެ ބަހުސްގެ މަރުހަލާ ނިންމަވާލައްވައިފިއެވެ.

މި ބިލުގެ ބަހުސަށް ފަހު ކުރިއަށް ގެންދެވީ ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު ހުށަހަޅުއްވާފައިވާ، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނަަށް އިޞްލާޙު ގެނައުމުގެ ބިލުގެ ބަހުސެވެ.

އިއްޔެގެ ޖަލްށާއަށް އެމްޑީޕީން ވަނީ ކުއްލި މައްސަލައެއް ހުށަހަޅާފައެވެ. މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ކުއްލި މައްސަލައެއް ހުށަހަޅުއްވވާފައިވާ މައްސަލަ އަކީ ސިފައިންނާއި ފުލުހުންގެ ފަރާތުން ފެންނަ ޤާނޫނާއި ޤަވާއިދާއި ޚިލާފު ޢަމަލުތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށް، އެކަމާއި މެދު ކަންބޮޑުވުން ފާޅުކޮށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 145 ވަނަ މާއްދާއާއި 149 ވަނަ މާއްދާގެ ދަށުން ހުށަހަޅުއްވާފައިވާ ކުއްލި މައްސަލައެކެވެ.

މި ކުއްލި މައްސަލައަށް ބަހުސް ކުރަން ފެނިވަޑައިގަންނަވާކަމަށް 23 މެންބަރުން ވޯޓް ދެއްވާފައިވާއިރު 22 މެންބަރުން ބަހުސް ކުރަން ފެނިވަޑައި ނުގަންނަވާކަމަށް ވޯޓް ދެއްވާފައިވެއެވެ. އަދި 1 މެންބަރަކު ވަކި ފަރާތަކަށް ވޯޓް ދެއްވާފައެއް ނުވެއެވެ.

އިއްޔެގެ މެންދުރު ކުރީގެ ދަންފަޅީގައި މި ކުއްލި މައްސަލައަށް 1 ގަޑިއިރުގެ ބަހުސް ކުރިއަށް ގެންދެވުމުން، ހުރިހާ މެންބަރުން ވާހަކަ ދައްކަވައި ނިމެންދެން ބަހުސް ކުރިއަށް ގެންދަވަން ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަމްޒާ ހުށަހަޅުއްވައި ބާރަށު ދާއިރާގެ މެންބަރު ޝިފާޒް ތާއީދުކުރެއްވި ހުށަހެޅުން މަޖިލީހުން ފާސްކުރައްވާފައިވެއެވެ.

މިހުށަހެޅުން ފާސްކުރައްވަން ފެނިވަޑައިގަންނަވާކަމަށް ވޯޓް ދެއްވީ 38 މެންބަރުންނެވެ. ފެނިވަޑައިނުގަންނަވާކަމަށް 9 މެންބަރުން ވޯޓް ދެއްވާފައިވާއިރު 2 މެންބަރަކު ވަކިފަރާތަކަށް ވޯޓް ދެއްވާފައެއް ނުވެއެވެ.

އިއްޔެގެ މެންދުރު ކުރީގެ ދަންފަޅީގެ ހުސްވަގުތުކޮޅާއި ހަމައަށް 16 މެންބަރުން ވަނީ މިމައްސަލައިގައި ވާހަކަފުޅުދައްކަވާފައެވެ.

ކިޔުން ތެރިންގެ ހިޔާލު

 އަކުރު އެބައިން