ނަޝީދު އާއިި ދެކޮޅަށް އެމްޑީޕިގެ ތެރޭގައި ވަރުގަދަ ކެމްޕޭނެއް ޖައްސާނަން: އަލްހާން

29 މޭ، 2012

އަބްދުއްލަތީފް

ކުރީގެ ރައީސް ކެނެރީގޭ ނަޝީދާއިއެކު ކުރިއަށް އޮތް ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ކާމިޔާބު ނުކުރެވޭނެ ކަމަށާއި، ނަޝީދާއި ދެކޮޅަށް އެމްޑީޕިގެ ތެރޭގައި ވަރުގަދަ ކެމްޕޭނެއް ޖައްސާނެކަމަށް އެޕާޓީގެ އިންތިޚާބީ ނައިބް ރައީސް އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ކުރިމަގާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން އެމްޑީޕީގެ އިންތިޚާބީ ނައިބް ރައީސް އަލްހާން ފަހުމީ ވިދާޅުވީ، އެމްޑީޕީގެ ތެރޭގައި އޮތް ޑިމޮކްރަޓިކް ނިޒާމް ނަޝީދު މުޅިން ފުނޑުފުނޑު ކޮށްލައްވާފައިވާ ކަމަށެވެ.

އެމްޑީޕީ ހިސާރު ކުރުމަށްފަހު ނަޝީދު ކުރައްވަމުން ގެންދަވާ މަސައްކަތަކީ ވެރިކަމަށް އަލުން ވަޑައިގަތުމަށް ކުރައްވާ މަސައްކަތްކަމަށާއި އެމަސައްކަތް ނަޝީދަށް ކާމިޔާބު ކުރެއްވޭނެކަމަށް ޤަބޫލު ނުކުރައްވާކަމަށް އަލްހާން ވިދާޅުވިއެވެ.

އަލްހާން ވިދާޅުވީ، އެމްޑީޕީއަކީ ޑިމޮކްރަސީގެ ހަމަތަކުގެ މަތިން ހިންގާ ޕާޓީއަކަށް ހަދަން ބޭނުންނަމަ ނަޝީދުގެ ކިބައިން ސަލާމަތް ވާންޖެހޭ ކަމަށާއި، އެހެންކަމުން ނަޝީދު އާއިި ދެކޮޅަށް ކުރަމުންގެންދާ ކެމްޕޭން ހުއްޓާނުލާ ކުރިއަށް ގެންދާނެ ކަމަށެވެ.

އަލްހާން ވިދާޅުވީ ވެރިކަމުން އަމިއްލަފުޅަށް އިސްތިއުފާ ދެއްވުމުން، ވެރިކަން ގެއްލުމުގެ ޒިންމާ ޕާޓީގެ އިސް މަޤާމްތަކުގައި ތިބި ފަރާތްތަކުން އުފުލަން ނުޖެހޭނެ ކަމަށާއި ނަޝީދު ޤަބޫލުކުރައްވާ ގޮތުގައި އެންމެންވެސް މަސައްކަތް ކުރަންވީ ނަޝިދު ބޭނުންފުޅުވާހައި ގޮތަކަށް އަލުން ނަޝީދަށް ވެރިކަން ހޯދައިދިނުމަށް ކަމަށެވެ.

ވެރިކަން ވެއްޓުނީ، ނަޝީދު ވަކި އަންހެނެއްގެ ދަށުވުމުގެ ސަބަބުން ކަމަށާއި، ވެރިކަން ގެއްލުމުގެ ޒިންމާ ނަޝީދުގެ އަރިސް މިތުރު މާރިޔާ އަޙްމަދު ދީދީ އުފުލަން ޖެހޭނެކަމަށްވެސް އަލްހާން ވިދާޅުވިއެވެ.

ޕާޓީގެ ތެރެއިން އަލްހާންއާއި ޑރ އިބްރާހިމް ދީދީ ދުރުކުރުމުގެ މަސައްކަތް ނަޝީދު ފެށްޓެވީ އެވާހަކަތައް އޮޅުވާލުމެއްނެތި ރައްޔިތުންނަށް ސާފްކޮށްދެއްވަން ފެށްޓެވުމުން ްކަމަށް ވެސް އަލްހާން ވިދާޅުވިއެވެ.

އަލްހާން ވިދާޅުވީ ނަޝީދަކީ ފެއިލްވެފައިވާ “މީހެއްކަން ޤަބޫލު ކުރަންވެއްޖެ” ކަމަށާއި ނަޝީދަކީ ވެރިކަމުން “ވެއްޓިފައިހުރި މީހެއްކަންވެސް ޤަބޫލުކުރަން ޖެހޭ” ކަމަށެވެ. ނަޝީދުގެ މައްސަލައަކީ އެފަދަ އެއްވެސްކަމެއް ޤަބޫލުނުކޮށް ވަކި މަސްލަހަތެއްގައި މަސައްކަތް ކުރުންކަމަށްވެސް އެމްޑީޕީގެ ރައީސް އަލްހާން ވިދާޅުވިއެވެ.

އެމްޑީޕީއިން ފަށާފައިވާ އިންސާފުގެ ދަތުރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން އަލްހާން ވިދާޅުވީ، އިންސާފު ހޯދަންޖެހެނީ ނަޝީދަށް އެކަނި ނޫންކަމަށެވެ. އެމްޑީޕީއިން އިންސާފު ހޯދުމުގެ ނަމުގައި ހިންގަމުން ގެންދަނީ ޑިމޮކްރަޓިކް އުސޫލްތަކާއި ބީރައްޓެހި، ހަމައެކަނި ނަޝީދު ބޭނުންފުޅުވާ އިންސާފު ހޯދުމުގެ މަސައްކަތްކަމަށް ވެސް އަލްހާން ވިދާޅުވިއެވެ.

އެމްޑީޕީގެ ތެރޭގައި ނަޝީދުގެ ނުފޫޒު ގަދަވެ “ޕާޓީ މުޅިން ހައިޖެކް ކުރައްވާފައިވާ” ކަމަށް ވިދާޅުވެ ޕާޓީގެ އިސް މަޤާމްތަކުގައި ތިއްބެވި ބައެއް ބޭފުޅުން ގެންދަވަނީ ސިޔާސީގޮތުން ހަރަކާތްތެރިވެވަޑައިގަންނަވާނެ އިތުރު ޕްލެޓްފޯމެއް ހޯއްދަވަމުންނެވެ.

ކިޔުން ތެރިންގެ ހިޔާލު

 އަކުރު އެބައިން