އަބްދުﷲ ގާޒީގެ މައްސަލައިގެ ތަހުގީގު ރިޕޯޓް އެޗްއާރުސީއެމްއިން ޕީޖީއަށް ފޮނުވައިފި

29 މޭ، 2012

ޝަހީދާ ސައީދު

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ އަސާސީއާއި ފަނޑިޔާރުންގެ ގާނޫނާއި، ޚިލާފަށް ހައްޔަރުކުރި މައްސަލައިގައި ހިޔުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)  އިން ކުރި ތަހުގީގު ނިންމައި ރިޕޯޓް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)  އޮފީހަށް ފޮނުވައިފިއެވެ.

ޕީޖީ އޮފީހުގެ އިސް އޮފިޝަލަކު  ވިދާޅުވީ އަބްދުﷲ ގާޒީ ގާނޫނާއި ޚިލާފަށް ހައްޔަރުކުރި މައްސަލައިގެ ތަހުގީގު ރިޕޯޓު އެޗްއާރްސީއެމުން ޕީޖީ އޮފީހަށް  ފޮނުވާފައި ވަނީ މިދިޔަ އާދީއްތަ ދުވަހު ކަމަށެވެ.

އަދި އެ ރިޕޯޓް މިހާރު ޕީޖީން ދިރާސާ ކުރަމުންދާ ކަމަށާއި،  އަދި އެމައްސަލައިގައި ލިބިފައި ހުރި ބަޔާންތަކާއި ހެއްކާއި ގަރީނާ ހުށަހެޅުމަށް އެޗްއާރުސީއެމްގައި އިއްޔެ އެދިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އަބްދުﷲ ގާޒީ ހައްޔަރު ކުރި މައްސަލައިގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ދައުވާ ކުރުމަށް ފުލުހުން ފޮނުވާފައިވާ މައްސަލައާ މެދު ގޮތެއް ނިންމޭނީ އެ ރިޕޯޓު ދިރާސާ ކުރުމަށް ފަހު ކަމަށްވާތީ އެ މައްސަލައިގައި ލިބިފައި ހުރި ބަޔާންތަކާއި ހެއްކާއި ގަރީނާ ފޮނުވައިދިނުމަށް މިއަދު އެ ކޮމިޝަންގައި އެދިވަޑައިގަންނަވާނެ ކަމަށެވެ.

އަބްދުﷲ ގާޒީ 22 ދުވަސް ވަންދެން ގިރިފުށިގައި ގާނޫނާއި ޚިލާފަށް ހައްޔަރު ކުރުމުން އޭނާ ވަގުތުން ދޫކޮށްލުމަށް ސްޕްރީމް ކޯޓާއި ހައިކޯޓާއި، ޕީޖީ އަމުރު ކުރުމުންވެސް ރައީސް ނަޝީދު އަމުރަށް ތަބާނުވެ، ގަދަ ބަސް ވިދާޅުވެ އަބްދުﷲ ގާޒީ ވަނީ ގިރިފުށީގައި ހައްޔަރުގައި ބަހައްޓާފައެވެ.

އަބްދުﷲ ގާޒީ ހައްޔަރު ކުރި ދުވަހުން ފެށިގެން ކުރީގެ އިދިކޮޅު ފަރާތްތަކުން މެދު ނުކެނޑި 22 ދުވަސް ވަންދެން ވަނީ އޭނާ މިނިވަން ކުރުމަށާއި، ނަޝީދުގެ ގާނޫނީ އިމުގެ ތެރެއަށް ވަދެވަޑައިގަތުމަށް ގޮވާލާ މުޒާހަރާކޮށްފައެވެ.

އަދި ނަޝީދުގެ ސަރުކާރު ބަދަލުވުމުގެ އެންމެ ބޮޑު އަސްލަކަށް ވެގެންދިޔައީ ގާނޫނާއި ޚިލާފަށް އަބްދުﷲ ގާޒީ ހައްޔަރުކޮށް ގަދަ ބަސް ވިދާޅުވެ ގާނޫނުތައް މުގުރާލުން ކަމަށް ސިޔާސީ ތަޖުރިބާކާރުން ދަނީ ބުނަމުންނެވެ.

މީގެއިތުރުން ފެބްރުއަރީ މަހު 8 ވަނަ ދުވަހު މާލެއާއި އަތޮޅުތަކުގައި ހިންގި އަމަލުތައް ތަހުގީގު ކުރުމަށްފަހު އެޗްއާރުސީއެމުން  ވަނީ އެކަމާއި ބެހޭ ރިޕޯޓް ވެސް އއިއްޔެ ނެރެ ކަމާއިބެހޭ ފަރާތްތަކާއި ވަނީ ހިއްސާކޮށްފައެވެ.  އެކޮމިޝަނުން އިއްޔެ ބުނެފައިވަނީ  2012 ޖެނުއަރީ 16 ވަނަ ދުވަހުރޭ ކްރިމިނަލް ކޯޓުގެ އިސް ޤާޟީ ޢަބްދުﷲ މުޙައްމަދު ޑިފެންސް މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންދިއަ މައްސަލައިގެ ތަހުޤީގުގެ އިތުރުން  މިއަހަރުގެ ފެބުރުއަރީ މަހުގެ 8 ވަނަ ދުވަހު މާލޭ ސިޓީ އާއި އައްޑޫ ސިޓީގައި ހިންގާފައިވާ އިންސާނީ ޙައްޤުތަކާ ޚިލާފު ޢަމަލުތަކުގެ ތަހުޤީޤް ވެސް ނިންމާ، ކަމާއިބެހޭ ފަރާތްތަކާއި ހިއްސާކޮށްފައިވާ ކަމަށެވެ.

ކިޔުން ތެރިންގެ ހިޔާލު

 އަކުރު އެބައިން