ސިފައިންނާއި ފުލުހުން މުޅި ދުނިޔެއަށް ބަދުނާމްވީ ރައީސް ޑރ. ވަހީދަށް އަމަލުކުރެއްވުނު ގޮތުން- ޑރ. ސައުދު

20 މޭ، 2012

ޝަހީދާ ސައީދު

ދުނިޔެއާއި ދިވެހިން ކުރިމަތީ ސިފައިންނާއި ފުލުހުން ބަދުނާމުވީ ރައީސް ޑރ. މުހައްމަދު ވަޙީދުއަށް ޢަމަލު ކުރެއްވުނު ގޮތުން ކަމަށާއި، އެމަނިކުފާނަށް ކަންކަން ކުރެއްވުނީ ޤާނޫނު އަސާސީގައި ބަޔާންކުރާ ވެރިކަމުގެ ނިޒާމާއި ޚިލާފުވާ ގޮތަށް ކަމަށް ޕީޕީއެމުން ދާދި ފަހުން ވަކިވެވަޑައިގެންނެވި ޑރ. މުހައްމަދު ސައުދު ވިދާޅުވެއްޖެއެވެ.

މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ޕީޕީއެމުން ވަކިވެވަޑައިގެންނެވި ޑރ. މުހައްމަދު ސައުދު މިސަރުކާރަށާއި، ރައީސް ޑރ. މުހައްމަދު ވަހީދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ، އޭނާގެ އަމިއްލަ ބްލޮގްގައި ވިދާޅުވެފައިވަނީ ރާއްޖޭގެ ސިފައިންނާއި ފުލުހުންނަކީ މުޅި މިސަރަޙައްދުގައި އޮތް އެންމެ ހުނަރުވެރި،  އަދި އެންމެ އެކަށޭނަ ތަމްރީނާއި ތަޢުލީމީ އަދި އެންމެ ސިފަވެތި ސަފުތަކެއް ކަމަށާއި،  ނަމަވެސް ފެބްރުއަރީ 7 ގައި ހިނގައި ދިޔަ ވެރިކަން ބަދަލުވުމުގެ ޙާދިސާއަށް ފަހު ދުނިޔެއާއި ދިވެހިން ރާއްޖޭގެ ސިފައިންނާއި ފުލުހުންނަށް ބަލަމުން އަންނަނީ ޝައްކުގެ ނަޒަރަކުން ކަމަށެވެ.

ސިފައިންނާއި ފުލުހުންގެ ސަފުތަކަކީ  ނާތަހުޒީބު ފައުޖުތަކެއް ކަމުގައި ބުނެ ތުހުމަތުގެ ނަޒަރަކުން ރައްޔިތުން ދެކެމުންދާއިރު،  މިކަމުގެ ޒިންމާ އުފުއްލަވަން ޖެހިވަޑައިގަންނަވަނީ ރައީސް ޑރ. ވަޙީދު ކަމަށް ޑރ. ސައުދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ފެބްރުއަރީ 7 ވަނަ ދުވަހު ސިފައިންނާއި ފުލުހުން ކުރިމަތިލާން ޖެހުމުން  ހައްތާވެސް ދުނިޔެއާއި، ދިވެހި ރައްޔިތުންނަށް ހީވެފައި އޮތީ ރާއްޖޭގެ ސިފައިންނާއި ފުލުހުން ބާރުގެ ބޭނުން ކޮށްގެން ވެރިކަން ވައްޓާލީ ކަމަށެވެ. އެގޮތުން ޤަނޫނުގެ ބާރު ކެނޑި ދިއުމުން މި ފަދަ ޚާއްޞަ ޙާލަތުތަކުގައި އުފައްދާ ޔުނިޓީ ގަވަރުމަންޓް އުފައްދަވަން ރައީސް ވަޙީދަށް މަޖުބޫރުވީ ކަމަށާއި، އޭގެ ނަތީޖާއަކަށް ވީ ބައިނަލް އަޤްވާމީ ދުނިޔޭގެ ޝައްކާއި، ދިވެހިންގެ ނަފްރަތާއި، ރުޅިވެރިކަމުގެ ޝިކާރައަކަށް ވެގެން ދިޔައީ ރާއްޖޭގެ ފަޚުރުވެރި ސިފައިންނާއި ފުލުހުން ކަމަށްވެސް ޑރ. ސައުދު ވިދާޅުވިއެވެ.

އަދި ކޮންމެ ސަބަބަކާއި ހެދި ނަމަވެސް ރައީސް ޑރ. ވަހީދަށް  ބޭއިޚްތިޔާރުގައި ނަމަވެސް އެޅުއްވިފައިވަނީ ފޫނުބެދޭ ވަރުގެ ކަތި ފިޔަވަޅުތަކެއް ކަމަށާއި،  ޤާނޫނު އަސާސީ އާއި ޑިމޮކްރެޓިކް އުޞޫލުތަކާއި، ރާއްޖެ ސޮއިކޮށްފައި ހުރި ބައިނަލް އަޤްވާމީ މުޢާހަދާތަކާއި، ޤަރާރުތަކާއި ވެސް ފުށުއަރާ ގޮތްގޮތަށް ކަމަށް ޑރ. ސައުދު ވިދާޅުވިއެވެ.

ޕީޕީއެމްގެ އިންތިގާލީ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ޚާއްސަ މަންދޫބެއްގެ މަގާމުގައި ހުންނެވުމަށްފަހު އަމިއްލަފުޅަށް އިސްތިއުފާދެއްވި  ޑރ. ސައުދު ވިދާޅުވީ ފެބްރުއަރީ 7 ވަނަ ދުވަހު ބޭރުފުށުން ރައްޔިތުންނަށް ފެނުނު މަންޒަރަށް ބަލާލާއިރު އޭގައި މާބޮޑު މައްސަލަތަކެއް ނެތްކަމުގައި ގިނަ ބަޔަކު ޤަބޫލުކުރާނެ ކަމަށާއި، އާއްމުންގެ ލޯމައްޗަށް ފެނިގެން ދިޔައީ އެއްވެސް މަޖުބޫރުކަމެއް ނެތި ރައީސް ނަޝީދު އިސްތިއުފާ ދެއްވި މަންޒަރު ކަމަށެވެ.

އަދި  އެއާއި އެކު  ފެނިގެން ދިޔައީ ރައީސް ނަޝީދު އިސްތިއުފާ ދެއްވުމާއި ގުޅިގެން ނާއިބު ރައީސް ޑރ. ވަޙީދަށް އުއްތަމަ ފަނޑިޔާރު ރައީސްކަމުގެ ހުވާ ލައިދެއްވި މަންޒަރު ކަމަށާއި، ހަމައެކަނި މިމަންޒަރަށް ބަލައިފި ނަމަ މީގައި އެއްވެސް މައްސަލައެއް ނޫން ކަމަށް ވެސް ޑރ. ސައުދު ވިދާޅުވިއެވެ.

”ނަމަވެސް އޭގެ ފަހުގެ މަންޒަރުތަކުގައި ފެނިގެން ދިޔައީ މުޅި ދުނިޔެ ޙައިރާން ކުރުވާ ފަދަ ކަންކަމެވެ. ބާރުގެ ބޭނުން ކޮށްގެން ސަރުކާރެއް ވައްޓާލާފައި، ވެރިކަމަށް އަރާ ރެބެލް ލީޑަރުން ނުވަތަ ގެރިއްލާ ހަނގުރާމަވެރިން ފަދައިން، ނުވަތަ އިންގިލާބީ ލީޑަރަކު ފަދައިން ޑރ. ވަޙީދު ޢަމަލު ކުރެއްވި މަންޒަރެވެ. އެންމެ ފުރަތަމަ ސަރުކާރުގެ ކެބިނެޓް ނުވަތަ ވަޒީރުން ބަދަލުކުރެއްވީއެވެ. ދެން އެއަށް ފަހު ޔުނިޓީ ގަވަރުމަންޓެއް އިޢުލާނު ކުރެއްވީއެވެ.” ޑރ. ސައުދުގެ ބްލޮގްގައި ވިދާޅުވެފައި ވެއެވެެ.

ޑރ. ސައުދު ވިދާޅުވީ ދެން ފެނުނީ  އެންމެ ޚުދުމުޚުތާރު ވެރިން ކުރައްވާ ފަދަ ކަމެއް ކުރެއްވި މަންޒަރު ކަމަށާއި، އެގޮތުން  ނަޝީދުގެ ސަރުކާރު، ރައީސް ވަޙިދުގެ ސަރުކާރަކަށް ބަދަލުވީ، ރަގަޅަށް ނޫން ކަމަށް ޝަކުވާ އުފުލެން ފެއްޓުމާއިއެކު، އެކަން ތަޙުޤީގު ކުރުމަށްޓަކައި ބޭފުޅުންކޮޅެއް، ރައީސް ވަޙީދު އަމިއްލަ ފުޅަށް ޢައްޔަން ކުރެއްވީ ކަމަށެވެ.

އަދި މައްސަލަ ތަޙުޤީޤު ކުރާނެ މީހުންނާއި، ޙުކުމް ކުރާނެ ޤާޒީއާއި، ޙުކުމް ކުރާނެ ކޯޓަކާއި، ޙުކުމް ކުރާނެ ދުވަހާއި ގަޑި ވެސް ރައީސް ވަޙީދު އަމިއްލަ ފުޅަށް ހަމަޖެއްސެވުމުން އެއީ ވަރަށްވެސް ދެރަކަމެއް ކަމަށް ޑރ. ސައުދު ވިދާޅުވިއެވެ. މިކަމަކީ މުޅި ދުނިޔެ އެކަމާއި ލަދުވެތިވާނޭ ކަމެއް ކަމަށް ވިދާޅޫވެ އޭނާ އިތުރަށް ވިދާޅުވީ . ކޮންމެ ސިޔާސީ ޕާޓީއަކުން ބޭފުޅަކު ހިމަނައިގެން ކޮމިޝަން އެކުލަވާލި ނަމަ، އިންކްއަރީ ކަމިޝަންގެ މުސްތަޤިއްލު ކަމާއި މެދު އުފެދޭ ސުވާލުތައް ނުއުފެދޭނެ ކަމަށް ޑރ. ސައުދު ވިދާޅުވިއެވެ.

ކިޔުން ތެރިންގެ ހިޔާލު

  1. އޭދަކުތަރާ! މިނިސްޓަރުކަން ނުވަތަ ނާއިބުކަން ނުލިބުނީމާ ބޮޑާހާކާފަ ކޮންހާ ގިންވާހަކަތަކެއް ތިދައްކަނީ! މަނިކުރާނަކީ ކޮން ރޮނގަކުން ދަކުތަރުކަން ނެންގެވި ބޭކަލަކީމުތޯ؟ އެހެންވީމާ ނުގުޅޭ ދާއިރާގެ ވާހަކަ ދެއްކީމާ ދެންގަބޫލެއް ނުކުރެވޭ.

    އަލިފުބާގަ | މޭ 20، 2012
  2. މިގޮތަށް ވާހަކަދެއްކީމާ ބިރުން އަވަހަށް މިނިސްޓަރުކަން ދޭންވީ! ހެހެހެ.

    ސިލްމާ ހާރޫނު | ޖޫން 11، 2012
  3. މީ މަތިންފޭބި ދޮކްޓަރ ސަޢުދެއް.

    މަގުލަސް | ޖޫން 11، 2012
  4. ސިފައިންނާއި ފުލުހުންގެ ހުނަރުވެރިކަން އެއްރެއަކުން ނެތިގެން ހިނގައިދިޔަ ގޮތަށް ޑރ ވިދާޅުވާއިރު، އެއީ މުސްތަހީލު ކަމެއްކަމުގައި އަޅުގަނޑު ދެކެމެވެ. އެތައް ދުވަހަކުން އަށަގަނެވިފައިވާ އަޚްލާޤެއް އެއްދުވަހަކުން ބަދަލެއް ނުކުރެވޭނެ. އެކަން ބަދަލުކުރަން އުޅުއްވީ ނަޝީދުގެ ސަރުކާރުން ޤާނޫނާ ޚިލާފަށް ކަންކަން ސިފައިންލައްވާ ކުރުވަން އުޅުމުން. ނުކުރަނީ ކޮންކަމެއްތޯ. އެމް.ޑީ.ޕީ ގެ އެއްވުމެއް ބާއްވަންޏާ ލޮނުޒިޔާރަތްކޮޅު ތައްޔާރުކުރަން ޖެހެނީވެސް ސިފައިން. އަމުރަށް ކިޔަމަންތެރިވުމުގެ ގޮތުން ނަމަވެސް ސިފައިން ފުލުހުންނާ ކުރިމަތިލީ ސިފައިން އަސްލު ކިޓްގައި ނުވުމަކީ ސިފައިން މުޅި ދުނިޔެއަށް ދައްކުވައިދިން ޙަޤީޤީ އިންސާނީ ޢަމަލެއް. އެހެން ނޫންނަމަ ސިފައިން ނުކުންނާއި ސިފައިން މަސްއޫލިއްޔަތު އަދާކުރަން ހަވާލުކޮށްފައި ހުރި ހަތިޔާރާއެކު، ނަމަވެސް ސިފައިން ނުކުތީ ރަޔަޓް ގިޔަރާއެކު. އެއިގެން ދައްކުވައިދެނީ އިންސާނިއްޔަ ވަންތަކަން. ރައީސް ނަޝީދު ބޭނުންފުޅުވީ ހަތިޔާރާއެކު ނުކުންނަން. އެކަން ނުކުރީ ސިފައިން. އެހެންވީމާ ޝުކުރު ޙައްޤުވަނީ ސިފައިންނަށް. ޑރ އެއްކަމަކު ވާހަކަ ހަދައިގެން މަސްލަހަތު ނަގާނުލައްވާ..

    އިސްމާޢީލް ވަޙީދު | ޖޫން 12، 2012
  5. ސައުދޫ، ތިދެން ތަންކޮޅެއް ބޮޑުވަރު. ޑރ ވަހީދުގެ އޮފު ކަޑުވާނުލާ ވެރިކަމަށް މިހާރު ނާދެވޭނެކަން ސައުދަށްވެސް އެގޭދޯއެވެ. އެހެންވީމަ އެއްޗެކޭކިޔަނީ ދޯއެވެ. މުޅިންއެހެންއޭންގަލަކުން ތިޖައްސަނީ ވައިގަހިފާފާނެ ކަމަށްދޯއެވެ. ދެރައީ ސައުދު ދައްކާފަހުރި ވާހަކަތަކުގައި މާބޮޑަށް ސްޓޯރީބޯޑު ބަދަލުކޮށްފައިހުރީމައެވެ، އެ ވަރުގެ ބަދަލެއް ހާދިސާއަށްގެނައިމަ ވައިގައެއް ނުހިފާނެއެވެ. އަދި ސިޔާސީ ގޮތުން ސައުދު މާޅައެވެ. ތިކޮންސެޕްޓް ރަގަޅެއްނޫނެވެ. މިފަހަރުގެ ޗާންސްމިގެއްލުނީއެވެ. ސިޔާސީގޮތުން ދެފަހަރު ދެގޮތަކަށް ވާހަކއެއް ނުދެއްކޭނެއެވެ. ދެންކުރާނެކަމެއްނެތެވެ. ސޮރީއެވެ. ބަލައެއްނުގަނެވުނެވެ.

    އިބްރާހިމް | ޖޫން 12، 2012
  6. ޑރ. ސައުދު އަށް މިނިސްޓަރުކަން ހުށަހެޅުމުންވެސް ޤަބޫލު ނުކުރީކަމަށް އަޅުގަނޑަށް ޚަބަރު ލިބިފައިވާތީ އެކަން ހާމަކޮށްލީ

    ސުފިޔާން | ޖޫން 12، 2012
  7. ތަނެއް ދޮރެތް ދޮރާއްޓެތް ނޭންގޭ މޮޔައިން ދައްކާ ކަހަލަ ވާހަކަ އަބަދުވެސް ޕީޕީއެމްއިން ކިޔާނެ…ދެން ލަލަލަ

    އަބްދުﷲ | ޖޫން 16، 2012

 އަކުރު އެބައިން