ޑީއާރުޕީގެ މުޒާހަރާގައި ޑރ. މުނައްވަރު ބައިވެރިވެވަޑައިގެންފި

04 ނޮވެމްބަރ، 2009

ޖައުފަރު ރަޝީދު / އަމްޖަދު ވަޙީދު

ޑީއާރުޕީ ކޯލިޝަނުން ރޭ މާލޭގެ މަގުތަކުގައި ބޭއްވި މުޒާހަރާގައި ކުރީގެ ސަރުކާރުގެ އެޓާރނީ ޖެނެރަލް ކަންކުރައްވައި އެސަރުކާރުން ވަކިވެވަޑައިގަތުމަށް ފަހު އެމްޑީޕީއާ ގުޅިވަޑައިގެން އެމްޑީޕީގެ ރައީސްކަން ކުރައްވާފައިވާ ޑރ. މުޙައްމަދު މުނައްވަރު ބައިވެރިވެވަޑައިގެންފިއެވެ.

ރޭގެ މުޒާހަރާގައި މުނައްވަރު ބައިވެރިވެވަޑައިގަތީ އަމީނީ މަގުގައި ހުންނަ “މުނިހޯމްކެއާރ” ފިހާރަ ކައިރިންނެވެ. އަމީނީ މަގުން މުޒާހަރާކުރި މީހުން އައިއިރު މުނައްވަރު ހުންނެވީ މުނިހޯމް ކެއާރ ފިހާރަ އާދިމާ ތިރީގައެވެ. އަދި މުޒާހަރާގެ ބައިވެރިން އެހިސާބަށް ކައިރިވާން ފެށުމުން މުނައްވަރު އަތްޕުޅުގެ އިޝާރާތުން ހަނާއެޅުއްވި މަންޒަރު ނުވަތަ ޓާޓާ ކިޔުއްވި މަންޒަރު އެސަރަހައްދުގައިތިބި ނޫސްވެރިންނަށްވެސް ވަނީ ފެނިފައެވެ. މުޒާހަރާގެ ބައިވެރިން މުނައްވަރު ހުންނެވި ހިސާބަށް އައުމާއެކު ޑީއާރުޕީގެ ބަޔެއް ބޭފުޅުން މުނައްވަރު އަރިހަށް ވަޑައިގެން މުޒާހަރާގައި ބައިވެރިވެވަޑައިގަތުމަށް އެދުނުތަން ފެނުނެވެ. އެއާއެކު މުޒާހަރާގައި ބައިވެރިވެ ހިންގަވަމުން ގެންދެވި އިސްބޭފުޅުންގެ ތެރެއަށް މުނައްވަރު ވަޑައިގެންނެވި މަންޒަރުވެސް ނޫސްވެރިންނަށް ވަނީ ފެނިފައެވެ.

މުޒާހަރާގައި އިސްކޮށް އުޅުއްވި ބަޔެއް ބޭފުޅުން މުނައްވަރުގެ އަރިހުން އެދިވަޑައިގަތީ ދަރުބާރުގެއާ ހަމައަށް މުނައްވަރު އެބޭފުޅުންނާއެކު ހިންގަވާފައި ވަޑައިގަތުމަށެވެ. ނަމަވެސް މުނައްވަރު ވަނީ މުޒާހަރާގައި ތިއްބެވި ބަޔެއް ބޭފުޅުންނާ ސަލާމް ކުރެއްވުމަށް ފަހު އެހިސާބުގައި މަޑުކުރައްވާފައެވެ.

ކިޔުން ތެރިންގެ ހިޔާލު

 އަކުރު އެބައިން