ޑްރާފްޓިންގ ޕެނަލުގެ ތިން މެންބަރުން މަސައްކަތާ ދުރަށްޖެހިވަޑައިގެންފި

13 މާޗް، 2008

- ތިން މެންބަރުންވެސް ފެއަށް ޖެހިވަޑައިގަތީ ގާސިމް އެބޭފުޅުންގެ ދިފާޢުގައި ހަގީގަތް ހާމަކޮށްދެއްވަން ފަސްޖެހިވަޑައިގަތުމުން

 

މުޙައްމަދު ޝިފާޒު

 

ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ދިރާސާކޮށް ޑްރާފްޓް ކުރާ ކޮމެޓީގެ ޑްރާފްޓިންގް ޕެނަލުގައި ހިމެނިވަޑައިގަންނަވާ ތިން މެންބަރަކު މަސައްކަތް ހުއްޓާލެއްވުމަށް ފަހު ޕެނަލްގެ މަސައްކަތާ ދުރަށްޖެހިވަޑައިގެންފިއެވެ.

މިޕެނަލުގައި ތިއްބަވާ ފަސްބޭފުޅުންގެ ތެރެއިން މަސައްކަތާ ދުރަށްޖެހިވަޑައިގަތީ އަލްއުސްތާޛު ހަސަން ލަތީފު )ހަސަންކޮ( އާއި އަލްއުސްތާޛު އަހުމަދު އަބުދުﷲ އަފީފު އަދި އަހުމަދު އާމިރު )ފަރެސް( އެވެ.

“މިއަދު” ނޫހަށް ރޭ ދެއްވި ބަސްދީގަތުމެއްގައި ހަސަން ލަތީފު ވިދާޅުވީ ޑްރާފްޓިންގ ޕެނަލުގެ މަސައްކަތާއި އެބޭފުޅުން ދުރައްޖެހި ވަޑައިގަތީ ދިވެހިރައްޔިތުންގެ ޕާޓީން އެބޭފުޅުންނާ މެދު ފަތުރަމުންދާ ދޮގު ވާހަކަތަކަށް ޚާއްސަ މަޖިލީހުގެ ރައީސް ޖަވާބުދާރީވެ ވަޑައިނުގަންނަވާތީ ކަމަށެވެ.

“ޑީއާރުޕީގެ ޕްރެސް ކޮންފަރެންސެއްގައި އެޕާޓީގެ ބޭފުޅުން ވިދާޅުވަނީ ޑްރާފްޓިންގް ކޮމެޓީގެ ޑްރާފްޓިންގް ޕެނަލް އެކުލެވިފައި އޮތީ ގަވާއިދާ އެއްގޮތަކަށް ނޫނޭ. މިގޮތުން ޑްރާފްޓިންގް ޕެނަލަކީ މުގައްރިރު އަމިއްލަފުޅަށް ހައްދަވައިގެން އުޅުއްވާ ގޭ ދޮށު ކުދިން ހިމެނޭ ޕެނަލެކޭ. އެހެންވެ އިންތިގާލީ ބާބު ޑްރާފްޓް ކުރަނީވެސް މުގައްރިރު ބޭނުންފުޅު ގޮތަކަށޭ ދިވެހިރައްޔިތުންނާ މުޚާތަބުކޮށް އެމީހުން އެބަ ބުނަމުންދޭ. އަދި ވަކިވަކިން އަޅުގަނޑުމެންގެ ނަންތައް ހާމަކޮށްފައި ހުރިކަންވެސް ބައެއް މީޑިޔާތަކުގެ ޒަރީޔާއިން އަޅުގަނޑަށް އެބައެނގޭ.” ހަސަނު ވިދާޅުވިއެވެ.

ހަސަނު ވިދާޅުވީ ޑީއާރުޕީން އެފަދަ ދޮގު ވާހަކަތަކެއް ދައްކަމުންދާކަމަށްވާނަމަ، ރައްޔިތުންގެ ޚާއްސަ މަޖިލީހުގައި ޕެނަލުން ކުރައްވަމުން ގެންދަވާ މަސައްކަތް ރައްޔިތުން ގަބޫލު ނުކުރާނެ ކަމަށެވެ. ނަތީޖާއެއްގެ ގޮތުން ރައްޔިތުން ގާނޫނު އަސާސީއާމެދުވެސް ޝައްކުއުފެދި އެއާމެދު އިތުބާރު ގެއްލިގެންދާނެތީ މިކަމުގެ ހަގީގަތް އޮތް ގޮތް ރައްޔިތުންނަށް ހާމަކުރުމަށް މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމްގެ ކިބައިން އެދިވަޑައިގެންފައިވާ ކަމަށް ހަސަނު ވިދާޅުވިއެވެ.

“މިކަން މިހެން ހިނގީމާ ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އެކަން އޮތްގޮތް ރައްޔިތުންނަށް ސާފުކޮށްދިނުމަށް އަޅުގަނޑު އެދުނިން. އޭރުވެސް އަޅުގަނޑު ދެންނެވިން ރައީސް އެކަންތައް ނުކޮށްދީފިއްޔާމު، އަޅުގަނޑަށް އިތުރަށް ޕެނަލުގައި މަސައްކަތް ކޮށްދެވޭކަށްނެތޭ. ޚާއްސަ މަޖިލީހުގެ ރައީސް އަޅުގަނޑާ މިދިޔަ ހަފްތާގެ ބުދަ ދުވަހު ބައްދަލުކޮށް ވިދާޅުވި އިހަށް މަސައްކަތަށް ނުކުންނާށޭ. އެހެންނޫނީ މަސައްކަތަށް އަސަރު ކުރާނޭ. ތިމަންނަ ތިކަންތައް ކޮށްދޭނަމޭ.” ހަސަނު ވިދާޅުވިއެވެ.

އެހެންނަމަވެސް ރައްޔިތުންނަށް ހަގީގަތް އޮޅުން ފިލުވައި ދިނުމަށްޓަކައި މިއަދާ ހަމައަށް ރައީސް އެއްވެސް ކަމެއް ކުރެއްވިތަން ނުފެންނާތީ ރައީސް އެކަންކުރެވުމުން ނޫނީ ޕެނަލުގެ އެއްވެސް މަސައްކަތެއް އިތުރަށް ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. ހަސަނު ވިދާޅުވީ ޑްރާފްޓިންގް ޕެނަލަކީ ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މުއައްސަސާއަކަށްވާއިރު، އޭނާ އެޕެނަލަށް އައްޔަން ކުރެވުނު ހުރިހާ ލިޔެކިޔުމަކާއި، އޭރު ހުންނެވި ރައީސް އައްބާސް އިބުރާހީމް ފޮނުއްވި ސިޓީވެސް އޮންނާނެކަމަށެވެ.

“ރައީސްގެ ޢަމަލުތައް ހުރީ މުޅިން އެހެން ކަހަލަ ގޮތަކަށް. ވޭތުވެދިޔަ ހަފްތާގެ ބުދަ ދުވަހުން ފެށިގެން މިހާތަނަށް ރައީސް ވިދާޅުވާންޖެހޭ އެއްޗެއް ވިދާޅުވުމަށް އެހާގިނަ ދުވަސް ނަގާނެ ކަމަށް އަޅުގަނޑެއް ގަބޫލެއް ނުކުރަން. ފެންނަނީ ނައިބު ޒަޢީމެއްގެ ގޮތުގައި ހުންނެވި ޕާޓީން އެފަދަ ހަގީގަތާ ޚިލާފު ބޮޑެތި ދޮގުތަކެއް ހެދީމާ އެއާދެކޮޅަށް ކަމެއް ކުރައްވަން ނޫޅުއްވަނީހެން.” ހަސަނު ވިދާޅުވިއެވެ.

ޑްރާފްޓިންގ ޕެނަލުގެ މަސައްކަތުން ދުރަށްޖެހި ވަޑައިގެންނެވި އަނެއް ދެބޭފުޅުންގެ ބަހެއް ލިބިފައިނުވާއިރު، މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމާވެސް ގުޅޭގޮތްވަނީ ނުވެފައެވެ.

ކިޔުން ތެރިންގެ ހިޔާލު

 އަކުރު އެބައިން