އިދިކޮޅުން އެބުނާ އެއްވެސް ކަމެއް ނުހިނގާ- ހަމައެކަނި ބޭނުމަކީ ރާއްޖޭގެ ތަރައްޤީ ހުއްޓުވުން: ޑރ. ޝައިނީ

އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 2 ސިކުންތު

ދިވެހި ޤައުމުގެ ތަރައްޤީގެ އަދާވާތްތެރި އިދިކޮޅު ފަރާތްތަކުން ބުނަމުން އެގެންދާ އެއްވެސް ކަމެއްގެ އެއްވެސް މުޢާމަލާތެއް ސަރުކާރުން ކުރަމުން ނުގެންދާ ކަމަށާއި ތަރައްޤީގެ އަދާވާތްތެރިން ހަމައެކަނި ބޭނުންވެގެން އުޅެނީ ރާއްޖެއަށް މިސަރުކާރުން ހޯދާ ތަރައްޤީ ހުއްޓުވަން ކަމަށް ފިޝަރީޒް އެންޑް އެގްރިކަލްޗަރ މިނިސްޓަރ ޑރ. މުޙައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.

މިއަދުނޫހަށް މައުލޫމާތު ދެއްވަމުން ޑރ. ޝައިނީ މިއަދު ވިދާޅުވީ ފ. އަތޮޅުގައިި އިންވެސްޓްކުރުމާއިބެހޭގޮތުން ސައުދިއަރަބިޔާގެ ސަރުކަރާއިއެކު ރާއްޖެއިން އެއްވެސް މަޝްވަރާއެއް މިހައިތަނަށް ކޮށްފައި ނުވާ ކަމަށެވެ. އަދި ފ. އަތޮޅު މަޝްރޫއަށް ޝައުޤުވެރިވެގެން އުޅެނީ ސައުދިއަރަބިޔާގެ އިންވެސްޓަރުން ތަކެއް ކަމަށެވެ.

ޑރ. ޝައިނީ ވިދާޅުވީ ފ. އަތޮޅު މަޝްރޫއަށް ޝައުޤުވެރިވާ ސައުދީ އިންވެސްޓަރުންނާއިއެކު މަޝްރޫޢާއިބެހޭ ގޮތުން ދަނީ މަޝްވަރާ ކުރެވެމުން ކަމަށެވެ. އެ މަޝްރޫއުގެ މަޝްވަރާތައް ނިމުމުން ރާއްޖޭގެ ޤާނޫނުގައި ބަޔާންވެގެންވާ ގޮތަށް ފްރީ ހޯލްޑް އުޞޫލުން ކަމެއް ކުރަންޖެހޭނަމަ އެކަމެއް މަޖިލީހަށް ހުށަހަޅާނެ ކަމަށެވެ. އަދި މަޝްރޫއު ކުރިއަށް ގެންދާނީ މަޖިލީހުގެ ތާއީދު ލިބިގެން ޤާނޫނާއި އެއްގޮތަށް ކަމަށެވެ.

ޑރ. ޝައިނީ ވިދާޅުވީ ސައުދިއަރަބިޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް ރާއްޖެއަށް ކުރައްވަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ފ. އަތޮޅު މަޝްރޫގެ އެއްވެސް އެއްބަސްވުމެއްގައި ސޮއިކުރަން އެއްވެސް އިރެއްގައި ހަމަޖެހިފައި ނުވާ ކަމަށެވެ.

"ވެގެން އުޅޭ ގޮތަކީ ރައީސް ޔާމީން ފ. އަތޮޅަށް ކުރެއްވެވި ދަތުރުފުޅުގައި މަޝްރޫއުގެ ކަންތައް އިއުލާނު ކުރެއްވެވީ. އެއިރު ސަލްމާން ރަސްގެފާނުގެ ދަތުރުފުޅު އޮތީ ހަމަޖެހިފަ. ދެން މިކަން މުޅިން އޮޅުވާލައި ގަޑުބަޑުކޮށްގެން ސަލްމާން ރަސްގެފާނުގެ ދަތުރުފުޅުގެ ކަންކަން ހަޑިކުރަން އިދިކޮޅު ފަރާތޔްތަކުން މަސައްކަތްތައް ކުރަން ފެށީ."

ޑރ. ޝައިނީ ވިދާޅުވީ ރާއްޖެއަށް ލިބެން އުޅޭ ބޮޑެތި ބިޔަ އިންވެސްޓްމަންޓްތައް ހުއްޓުވަން ބޭރުގެ އެހީއަށް އެދުމަކީ ޤައުމުދެކެ ޒައްރެއްގެ މިންވަރަށް ލޯބިވާ އަދި އެއްވެސް މިންވަރަކަށް ރައްޔިތުންނަށް ހެޔޮއެދޭ ބައަކު ކުރާނެ ކަމެއް ނޫން ކަމަށެވެ. ނަމަވެސް މިއަދު ފެނިގެން މިދަނީ ހަމަ ދިވެހިންގެ ތެރެއިން ބައަކު ނުކުމެ އެކަންކުރާ ތަން ކަމަށެވެ.

"މިއީ އާކަމެއް ނޫން ދޮގެއްތޯ؟ އެމީހުން އަބަދުވެސް ކުރަމުން އަންނަ ކަމެއް ނޫންތޯ؟ ސުނާމީ އަރައި ރައްޔިތުން އެންމެ ބިކަ ހާލުގައި ތިބި އިރުވެސް އެމީހުން ކުރި ކަމެއް ދޮގެއްތޯ މިއަދުވެސް އެކުރަނީ؟"

ޑރ. ޝައިނީ ވިދާޅުވީ މިސަރުކާރުން ރާއްޖެއަށް ބޮޑެތި ބިޔަ އިންވެސްޓްމަންޓްތައް ގެންނަން މަސައްކަތްކުރާނެ ކަމަށެވެ. އެކަމަށް ކުރާ ހުރިހާ ކަމެއްވެސް ކުރާނީ ހަމަ ރާއްޖޭގެ ޤާނޫނު އަސާސީގެ ތެރެއިން ކަމަށެވެ.

"ރާއްޖޭގައި މިހާރުވެސް ޗައިނާގެ އިންވެސްޓަރުން އެގެންދަނީ އިންވެސްޓްކުރަމުން. ސްރީލަންކާ އާ އިންޑިއާގެ އިންވެސްޓަރުން ވަނީ މާކުރިން އިންވެސްޓްކޮށްފަ. އެއަކަށް ނުކިޔާނެ ދޮގެއްތޯ ޗައިނާގެ ނޫނީ އިންޑިއާގެ ސަރުކާރުގެ އިންވެސްޓްމަންޓެކޭ. ނޫނީ އެ ޤައުމެއްގެ އިންވެސްޓްމަންޓެކޭ. މިކަން އެއުޅެނީ އިދިކޮޅު ފަރާތްތަކުން އޮޅުވާލައިގެން."

ޑރ. ޝައިނީ ވިދާޅުވީ ސައުދީ ސަރުކާރުން ރާއްޖޭގައި ބިޔަ އިންވެސްޓްމަންޓްތައް ކުރަން އުޅޭ ވާހަކަ ނަޝީދު ދެއްކުމުން ބޭރުގެ ނޫސްވެރިންނާއި ދިރާސާކުރާ ފަރާތްތަކުން އެކަން ވަނީ ޤަބޫލުނުކޮށްފައި ކަމަށެވެ. އެހެންކަމުން ބައަކު ކަންކަން އޮޅުވައިލަން ކިތަންމެ ވަރަކަށް އުޅުނު ނަމަވެސް ދުނިޔެއަށް ކަންކަން އޮޅުވައި ނުލެވޭނެ ކަމަށެވެ.

ރާއްޖޭގައި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ނުގެއްލޭނެ ގޮތަށް ރާއްޖޭގެ ޤާނޫނުތަކާއި އެއްގޮތަށް ރާއްޖޭގެ ހުރިހާ އަތޮޅެއްގެ ހުރިހާ ރަށެއްގައި ސައުދިއަރަބިޔާއިން އިންވެސްޓްކުރާނަމަ އެކަމަށް ވެސް ދިވެހިރައްޔިތުންގެ ފުރިހަމަ ތާއީދު އެބައޮތެވެ. ރައްޔިތުންގެ ވޯޓެއް މިހާރު ނެގި ނަމަވެސް 99 އިންސައްތަ ރައްޔިތުން އެކަމަށް ތާއީދުކުރާނެއެވެ.

ކޮމެންޓް ކުރެއްވުމަށް

މި ވަގުތު އެއްވެސް ކޮމެންޓެއް ކިޔުންތެރީން ފާޅުކޮށްފައި ނެތް.

އަބްދުއްލަތީފް